ރާއްޖެތެރޭ މީހުން މުނިފޫހި ފިލުވަނީ އޮރިޔާން ފިލުމް ބަލައިގެން: މިނިސްޓަރ ފައްޔާޒު
ދެންމެ | 08 ސެޕްޓެމްބަރ 2022

ރާއްޖެ ތެރޭ މީހުންގެ 80 އިންސައްތަ މީހުން މުނިފޫހިފިލުވަނީ އޮރިޔާން ބަލައިގެންކަމަށް އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލު ވިދާޅުވެއްޖެއެވެ.

މިފަދައިން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލިސް ވަޓްސްއަޕް ގުރޫޕުގައި އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކުރެއްވި މެސެޖެއްގައެވެ. މާލެއަށް އަތޮޅު ތެރެއިން މީހުން ހިޖުރުކުރާ ސަބަބުތަކާ ގުޅިގެން ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅެއް ދިފާއުކުރައްވައި ނަޝީދުވަނީ އެ ގުރޫޕަށް މެސެޖުތަކެއް ފޮނުއްވާފައެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އަތޮޅު ތެރެއިން މާލެއަށް މީހުން ހިޖުރަކުރާ ސަބަބުތަކުގެ ތެރޭގައި އަތޮޅު ތެރޭގައި މުނިފޫހިފިލުވެން ނެތުން ހިމެނޭ ކަމަށާއި، މިހާރުގެ ޖީލު ރަށްފުށުގެ ދިރިއުޅުމަށްވުރެ ސިޓީއެއްގެ އާބަން ދިރިއުޅުމަށް ޝައުޤުވެރިވާ ކަމަށެވެ.

އެ ވާހަކަފުޅު ދިފާއުކުރައްްވައި ރައީސް ނަޝީދު ވިދާޅުވީ އެއީ ބަލަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ހީފުޅުވާ ކަމަށެވެ. އަދި މުނިފޫހިފިލުވެން ނެތުމަކީ އަތޮޅު ތެރެއިން މީހުން މާލެ އަންނަ ހަމައެކަނި ސަބަބު ކަމުގައި ވިދާޅުނުވާ ކަމަށާއި، ނަމަވެސް ރާއްޖޭގެ ގިނަ މީހުން މިހާރު ތިބީ އޯ ލެވެން ފެންވަރަށް ތައުލީމު ހާސިލުކޮށްފައިކަމުން އެމީހުންނަކީ ދުނިޔެ ދަންނަ އުފާވެރި ހަޔާތެއް ބޭނުންވާ ބައެއް ކަމުގައި ނަޝީދު ވިދާޅުވިއެވެ.

”ނޫން ރައީސް. އިންޓަނެޓު [ލިބޭ]. 80 ޕަސެންޓް [އަތޮޅު ތެރޭ މީހުން] ޕޯން ބަލައިގެން މުނިފޫހިފިލުވަނީ،“

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އެންމެ ރަށެއްގައިވެސް ސިނަމާއެއް ނެތް ކަމުގައެވެ. އަދި ގެސްޓުހައުސް ހިންގާ ރަށްތަކުގައި ކެފޭތައް ހުރި ނަމަވެސް ގިނަ ރަށްތަކުގައި ކުރާނެ ކަންކަން ވަރަށް މަދު ކަމަށެވެ.

ސިނަމާތައް ނެތުމާއި، ރަށްތަކުގައި ކުރާނެ ކަންކަން މަދުކަން ފާހަގަކުރައްވައި ރައީސް ނަޝީދު ފޮނުއްވި މެސެޖަށް ޖަވާބުދެއްވައި ފައްޔާޒު ކުރެއްވި މެސެޖުގައި ރައީސް ނަޝީދުގެ ވާހަކަފުޅަށް ނޫނެކޭ ވިދާޅުވުމަށްފަހުގައި ފައްޔާޒު ވިދާޅުވެފައިވަނީ އިންޓަނެޓު އެންމެނަށް ލިބޭ ކަމަށާއި، 80 އިންސައްތަ މީހުން މުނިފޫހިފިލުވަނީ އޮރިޔާން މަންޒަރުތައް ބަލައިގެން ކަމަށެވެ.

މީގެ ކުރިންވެސް ފައްޔާޒުވަނީ ރާއްޖޭގެ އޮފީސްތަކުގައި މަސައްކަތްކުރާ ފިރިހެނުންގެ ބޮޑު ބަޔަކީ އެއްޖިންސުން ގުޅުންހިންގާ ބައެއް ކަމުގައި ދޭހަވާ ޓުވީޓެއް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!