އެމްޑީޕީން ނެނގި ދަރަނީގެ ސަބަބުން މޫޑީސް އިން ވެސް ރާއްޖޭގެ ރޭޓިންގ ވައްޓާލައިފި
ދެންމެ | 11 ސެޕްޓެމްބަރ 2024

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން މިފަހަރު ރާއްޖޭގެ ރޭޓިން ”ސީއޭއޭ2“ އަށް ބަދަލުކޮށްފި އެވެ.

މޫޑީސްގެ ރޭޓިންގައި ކުރިން ރާއްޖެ އޮތީ އެއް ދަރަޖަ މަތި ރޭޓިންއެއް ކަމަށްވާ ”ސީއޭއޭ1“ ގަ އެވެ. އެ އަށް ވުރެ އެއް ދަރަޖަ މިފަހަރު ދަށް ކުރިއިރު ރާއްޖޭގެ އައުޓްލުކް ވަނީ ”ރިވިއު“ ގަ އެވެ. ރާއްޖޭގެ ރޭޓިން ރިވިއުގައި ބައިންދަން ނިންމީ، ރާއްޖެއިން ބޭރު ދަރަނި އަދާކުރަން ޖެހޭ ހާލަތު ކުރިއަށް އޮތްތަނުގައި އިތުރަށް ގޯސްވާނެތީ ކަމަށް މޫޑީސް އިން ބުންޏެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ރިވިއުކުރާ މުދައްތުގައި ބޭރުން ފައިނޭންސިން ހޯދޭތޯ ބަލާނެ އެވެ. މޫޑީސް އިން ބުނީ، ބައިލެޓްރަލް ފައިނޭންސިން ނުވަތަ ރާއްޖޭއާ ގާތް ގައުމުތަކުން ފައިނޭންސް ހޯދައިގެން، މިހާލަތުން ހަރައި ގަންނަން ރާއްޖެއަށް ވަގުތު ލިބޭނެ ކަމަށާއި އޭރުން ގައުމު ޑިފޯލްޓަކަށް ނުގޮސް ސަލާމަތް ކުރަން ފުރުސަތު ލިބޭނެ ކަމަށެވެ. އެއާ އެކު ސަރުކާރުން އަޅަން ނިންމާފައިވާ ރިފޯމު ފިޔަވަޅުތައް ވެސް އެޅުމަށް ވަގުތު ލިބޭނެ ކަމަށް މޫޑީސްގެ ރިޕޯޓުގައިވެ އެވެ.

މޫޑީސް އިން މިދިޔަ ޖުލައި މަހު ވަނީ ދިނީ އޮކްޓޫބަރު 2021 ގައި ދިން ރޭޓިން ”ސީއޭއޭ1“ ގައި ދަމަހައްޓައިފަ އެވެ. އެހެން ނަމަވެސް، ރޭޓިން ދަށްކުރީ، ކުރިން ފާހަގަކޮށްފައިވާ އިސްލާހީ ފިޔަވަޅުތަކަށް އެކަށީގެންވާ ބަދަލުތަކެއް ގެނެސްފައި ނުވާތީ އެވެ. މޫޑީސް އިން ވަނީ ރާއްޖޭގެ ސުކޫކު ވެސް ”ސީއޭއޭ2“ އަށް ދަށްކޮފަ އެވެ. ސުކޫކުގެ ރޭޓިންގެ އައުޓްލުކް ވެސް ވަނީ ”އަންޑަ ރިވިއު“ ގައި ހިމަނައިފަ އެވެ.

މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަށްކުރީ ރާއްޖެއިން ވޭތުވެދިޔަ އަހަރުތަކުގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އަދާކުރުމަށް އަންނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ހިމެނޭ ގޮތުން، ބޭރުގެ ދަރަނި އިތުރުވެފައި ވުމުންނެވެ. އަދި ކަރަންޓް އެކައުންޓް ޑެފިސިޓާއި ބަޖެޓު ޑެފިސިޓުގެ ސަބަބުން ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވެ އެކްސްޗޭންޖް ރޭޓް ދަމަހައްޓަން ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް މޫޑީސް އިން ބުންޏެވެ. އަދި ވޭތުވެދިޔަ މަސް ތަކުގައި ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް ދަށްވަމުން ދާކަން މޫޑީސް އިން ފާހަގަ ކުރި އެވެ.

ދިވެހި ރުފިޔާ އާއި ބޭރު ފައިސާގެ ސީލިން ވަނީ ބީ2 އާއި ސީއޭއޭ1 އަށް ދަށްކޮށްފަ އެވެ. އެއީ ތިން ދަރަޖައިގެ ވެއްޓުމެކެވެ. މޫޑީސް އިން ބުނީ، ކުރިއަށް އޮތް 12-18 މަސް ދުވަހު ރާއްޖެއިން ދައްކަން ޖެހޭ ބޭރުގެ ދަރަންޏާ އަޅާ ބަލާ އިރު ރާއްޖޭގެ ރިޒާވު ވަރަށް ބޮޑަށް ދަށްވަމުން ދާ ކަމަށެވެ.

ރާއްޖޭގެ ރަސްމީ ރިޒާވުގައި މިވަގުތު ހުރީ 444 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވްގައި ހުރީ 61 މިލިއަން ޑޮލަރެވެ. އެއީ ގާތްގަނޑަކަށް އެއް މަހުގެ އިމްޕޯޓެވެ. ނަމަވެސް އެންމެ ފަހުން އާންމުކުރި ރިޒާވްގެ އަދަދު ވަނީ އޭގެ ކުރީ މަހަށް ވުރެ 11 ޕަސެންޓު އިތުރުވެފަ އެވެ. ރިޒާވް ރަނގަޅު ކުރުމަށް މޯލްޑިވްސް މަނިޓަރ އޮތޯރިޓީ (އެމްއެމްއޭ) އިން އަންނަނީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް 400 މިލިއަން ޑޮލަރު ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ދައުލަތުގެ ޖުމްލަ ދަރަނި މިއަހަރު 129 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

މޫޑިސްގައި ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވާއިރު، ފިޗްގެ ރޭޓިންގައި މިދިޔަ މަހު ރާއްޖޭގެ ރޭޓިން ސީސީސީ އިން ސީސީއަށް ވަނީ ދަށްކޮށްފަ އެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ރޭޓިން އޭޖެންސީތަކުން ފާހަގަކޮށްފައިވާ ކަންކަން އިސްލާހު ކުރަން ސަރުކާރުން ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ދާދިފަހުން ވަނީ ކުންފުނިތަކުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ބައެއް ކުންފުނިތައް އެއްކޮށްލާއި އަދި އެހެން ބައެއް ކުންފުނިތައް އުވާލަން ވެސް ނިންމައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!