ނާޒިމް ސައްތާރުގެ ޕާސްޕޯޓް ހިފަހައްޓައިފި
ދެންމެ | 25 ޖޫން 2022

ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ލީކުކޮށްލި، ދެ ފިރިހެނަކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލައިގައި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ މައްޗަށް ފުލުހުންގެ ބޮޑު ޖިނާއީ ތަހުގީގެއް ފަށައި، އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ބަދުއަހުލާގީ ވީޑިއޯގެ މައްސަލައިގައި ރޭ ނާޒިމް ވަނީ ފުލުހުންގެ މައި އިދާރާއަށް ހާޒިރުކޮށް ބަޔާނެއް ނަގައިފަ އެވެ. އޭނާގެ މައްޗަށް ޖިންސީ ކުށުގެ ތަފާތު ތުހުމަތުތަކެއް ފުލުހުން ކުރާ ކަމަށް މި ނޫހާ ވާހަކަ ދެއްކި އެ އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ވީޑިއޯގެ މައްސަލައިގައި ނާޒިމް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ނާޒިމްއަށް މިއަދު ގުޅުމުން ވިދާޅުވީ މިވަގުތު ކުރައްވާނެ ކޮމެންޓެއް ނެތް ކަމަށާއި އެއްވެސް އެއްޗެއް ވިދާޅުވެވޭނީ ވަކީލާއެކު މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. ނަމަވެސް އިއްޔެ ސޯޝަލް މީޑިއާގައި އަދި ބައެއް ނޫސްވެރިންނަށް ފޮނުއްވި މެސެޖުތަކެއްގައި ނާޒިމް ވިދާޅުވެފައި ވަނީ ވީޑިއޯއިން ފެންނަ މީހަކީ އޭނާއެއް ނޫން ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން އިއްޔެ ބުނެފައި ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ހިމެނޭ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް ބްލެކްމެއިލް ކުރާ މައްސަލައެއް ވެސް ހުށަހަޅާފައިވާތީ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ބްލެކްމެއިލް މައްސަލައިގައި އިތުރު ތަފްސީލެއް ފުލުހުން ނުދިން ނަމަވެސް ބެލެވެނީ އެއީ ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރަން އުޅުނު މައްސަލަތަކެއް ކަމަށެވެ.

ނާޒިމް ސައްތާރަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021 ގައި ދިން ހަމަލާގެ މައްސަލައިގައި ނަޝީދު ތަމްސީލު ކުރައްވާ ވަކީލެއްގެ ގޮތުގައި ވެސް ނާޒިމް ހަރަކާތްތެރިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!