ކުރީގެ ނައިބު ރައީސް އަދީބަކީ ގައުމަށް ހިދުމަތް ކުރި ރަނގަޅު ބޭފުޅެއް، މިނިވަން ކުރީ ގާނޫނީ އިމުން: ރައީސް ސޯލިހް
ދެންމެ | 15 މެއި 2026

އެމްއެމްޕީއަރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް އަދަބު ލުއިކޮށްދީ މިނިވަންކުރީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައި ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މިރޭ ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއަރްސީގެ މައްސަލަ ބެލުމަށް ކޮމިޝަނެއް އުފައްދައި، ތަހުގީގުތައް ނިންމައި ބައެއް ފަރާތްތަކުގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި އަދީބަށް ލުއި ދިނުމުގައި އަމަލުކޮށްފައިވަނީ އެހެން ކުށްވެރިންނަށްވެސް ލުއިދޭ އުސޫލުން، ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

”އަޅުގަނޑު ކޮށްފައި ހުންނާނީ ގާނޫނީ އިމުގެ ތެރެއިން. އެ ޙުކުމުގެ ތެރެއިން ޢަދަބު ލުއިކޮށްދިނުމަށް ބޭނުންވާ ވަރަށް ތަންފީޒުކޮށްފައި އޮތްތޯ ބަލާފައި. ކަރެކްޝަންސްއިން އައި ލިޔުމުގައި އޮތީ ޙުކުމް އެވަރަށް ތަންފީޛުކޮށްފައި އޮތީމަ ލުއި ދިނުމުގެ ފުރުޞަތު އޮތް ކަމަށް،“ ރައީސް ސޯލިހު ވިދާޅުވިއެވެ.

 

މީގެ އިތުރުން، އަދީބުގެ މެޑިކަލް ރިޕޯޓުތަކަށްވެސް ރިއާޔަތްކޮށްފައިވާނެ ކަމަށާއި، އެމަނިކުފާނު ލުއި ދެއްވީ ހަމައެކަނި ޖިނާއީ މައްސަލައިގައި ކަމަށް ސޯލިހު ވިދާޅުވިއެވެ. ނަމަވެސް ގެއްލުނު ފައިސާ ހޯދުމުގެ މަދަނީ މައްސަލަތައް އަދިވެސް ކުރިއަށް ގެންދެވޭނެ ކަމަށާއި، އެ މައްސަލަތައް މިހާރު ކުރިއަށް ނުދަނީ ކީއްވެގެންތޯ ސޯލިހު ސުވާލު އުފެއްދެވިއެވެ.

 

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ވެރިކަމުގައި ހުންނަވާއިރު އަދަބު ލިބޭ ފަރާތްތަކުން ލުއި ހޯދުމަށް އެދި ހުށަހެޅުމަކީ އާންމު ކަމެއް ކަމަށެވެ. އަދި އަދީބަށް ދިން ލުޔަކީ ޤާނޫނުން ބޭރުން ކުރި ކަމެއް ނޫން ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!