ދިވެހި ދިދަ އާއި ދައުލަތުގެ ނިޝާން ގާނޫނަކުން ހިމާޔަތްކުރަން ނިންމައިފި
ދެންމެ | 17 ސެޕްޓެމްބަރ 2024

ދިވެހި ދިދަ އާއި ދައުލަތުގެ ނިޝާން ހިމާޔަތްކުރުމަށް ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ބަހާއި ތަރިކައާ ގުޅޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ނަސީރު ވިދާޅުވީ ދައުލަތުގެ ނިޝާނުގެ އިންތަކާއި މިންތައް ކަނޑައަޅާފައިވާ ހަމަތައް ގާނޫނުގައި މިވަގުތު ނެތް ކަމަށެވެ. އެހެންވެ، ދައުލަތުގެ ނިޝާނާއި ދިވެހި ދިދަ އަށް ވެސް ގާނޫނީ ހިމާޔަތް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”އެހެންވީމާ ސަރުކާރުގެ ވިސްނުން އެބަ އޮތް [ގާނޫނެއް ހެދުމަށް]“ ދިވެހި ދިދަ އަށް އިހާނެތިކޮށް ކަންތައް ކުރާ މަންޒަރު ފެންނާތީ އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރެވޭތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އާދަމް ނަސީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެހި ދައުލަތުގެ ގައުމީ ރަމްޒުތައް ހިމާޔަތްކުރުމަށް ބިލެއް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރެވެމުން އެބަދެ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ދިދަ އަށް ހުރިހާ ގޮތަކުން ހިމާޔަތާއި ރައްކާތެރިކަން ދިނުމާއި ދައުލަތުގެ ނިޝާނަށް ދިވެހިންގެ އިއްޒަތާ ގުޅިފައިވާ ހުރިހާ ކަމެއް ވެސް އެ ބިލުގައި ހިމަނުއްވާނެ ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.

ރައީސް މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، ގައުމާ މުހާތަބު ކުރައްވައި ދެއްވި ފުރަތަމަ ތަގްރީރުގައި ވެސް ވަނީ ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ދިވަހި ދިދަ ނަގާފައި ބަހައްޓަން ނިންމަވައިފަ އެވެ. އޭގެ ކުރީގައި ސަރުކާރުގެ ހުރިހާ އޮފީސްތަކުގެ އިމާރާތްތަކުގެ ބޭރުގައި ކޮންމެ ދުވަހެއްގެ ހެނދުނު 6 ގައި ގައުމީ ދިދަ ނަގައި ހަމަ އެ ދުވަހުގެ ހަވީރު 6 ގައި ދިދަ ތިރިކުރެ އެވެ.

ދިދަ ނެގުމުގެ ސަގާފަތް އުވި ސަރުކާރުގެ އޮފީސްތަކުގައި ގައުމީ ދިދަ ނެގުން އެއްކޮށް ހުއްޓާލާފައިވަނިކޮށް އެކަން ފެށިއިރު ސަރުކާރުން ވަނީ ވަޒީރުން ދިރިއުޅުއްވާ ގެކޮޅާއި އެ ބޭފުޅުން ބޭނުންކުރައްވާ ކާރުތަކުގައި ވެސް ދިވެހި ދިދަ ހަރުކޮށްފައި ހުންނަން ޖެހޭ ގޮތަށް ބަދަލުކޮށްފަ އެވެ.

ސަރުކާރުން ބުނާ ގޮތުގައި އެ ނިންމުމުގެ މައިގަނޑު ބޭނުމަކީ ވެސް ދިދަ ބޭނުންކުރެވޭ ވަރު އިތުރުކޮށް، ދިދައަށް އޮތް ޝަރަފާއި ކަރާމާތް އިތުރުކުރުމެވެ.

ދިވެހި ގައުމިއްޔަތު ދިރުވައި އާލާކޮށް، ދިވެހިންގެ ހިތްތަކުގައި ގައުމާއި ގައުމިއްޔަތަށް އޮތް ލޯބި އިތުރުކުރުމުގެ މަގުސަދުގައި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ދަށުން ވަނީ ”ދިވެހި ގައުމިއްޔަތުގެ އިސްވަރު“ ގެ ނަމުގައި ހާއްސަ ކޮލެޖެއް ވެސް މި މަހުގެ ކުރީކޮޅު އިފްތިތާހުކޮށްފަ އެވެ.

އެ ކޮލެޖު އެކުލަވާލާފައި ވަނީ މައިގަނޑު ފަސް ދާއިރާގެ މައްޗަށެވެ. އެއީ ދިވެހި ބަސްގެ ވަރު، ދިވެހި ތާރީހުގެ ވަރު، ދިވެހި ތަރިކައިގެ ވަރު، ދިވެހި ސުމޭކުގެ ވަރު އަދި ދިވެހި ފަންނުގެ ވަރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!