އައްބާސް ޕީޖީ ކަމަށް އައްޔަނު ކުރުމަށް މަޖިލީހުން ރުހުން ދީފި
ދެންމެ | 17 ސެޕްޓެމްބަރ 2024

ހ.ޔެލޯ ރޯޒް އަލްއުސްތާޒް އައްބާސް ޝަރީފް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ޕީޖީގެ މަޤާމަށް އައްބާސް ޝަރީފް ހުށަހެޅުމާ ގުޅޭ މައްސަލައިގައި ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވަނީ އަންގާރަ ދުވަހުގެ ޖަލްސާގައި ހުށަހަޅުއްވާފައެވެ.

ހުސްނީ މުބާރަކް ވިދާޅުވީ، ޕީޖީގެ މަޤާމަށް އައްޔަނު ކުރުމަށް ފޮނުވާފައިވާ އައްބާސް ޝަރީފްގެ ކިބައިގައި ޕީޖީކަމުގެ ޝަރުތުތައް ހުރިތޯ ބެލި ބެލުމުން އޭނާއަކީ އެ ޝަރުތުތައް ފުރިހަމަވާ ފަރާތެއްކަމަށް ކަށަވަރު ކުރެވިފައިވާ ކަމަށާއި، އޭނާއާމެދު އާންމުންގެ ފަރާތުންވެސް އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާ ކަމަށެވެ.

އެހެންކަމުން ހޯމަ ދުވަހު ކޮމިޓީގައި އޭނާގެ އިންޓަވިއު ކޮށްފައިވާއިރު، އޭނާއަށް 90 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވާކަމަށް ހުސްނީ މުބާރަކް ވިދާޅުވިއެވެ. އެހެންވެ ކޮމިޓީގެ އިއްތިފާޤުން ފާސްކޮށްފައިވަނީ އައްބާސް އެ މަޤާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އަހާފައިވާއިރު، އޭނާ މި މަޤާމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 85 މެމްބަރަކު ވޯޓު ދެއްވިއެވެ.

ހޯމަ ދުވަހު ކުރިއަށް ދިޔަ އިންޓަވިއުގައި އައްބާސް ވިދާޅުވީ މަގާމަށް އައްޔަން ކުރެވޭ ހިސާބުން ފެށިގެން ޕީޖީ އޮފީހުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، ވަގުތަށް ވަރަށް ބޮޑަށް އިސްކަން ދޭނެ ކަމަށެވެ. އަދި ޕްރޮޑަކްޓިވިޓީ ރޭޓަށް ވަރަށް ބޮޑަށް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!