މިވެރިކަމުގައި މީހުން އުޅޭ ހުރިހާ ރަށެއް ވަނީ ލަގްޒަރީ ރިސޯޓް ފެންވަރަށް ތަރައްގީ ކުރެވިފަ: ރައީސް އިބުރޭ
ދެންމެ | 13 އޯގަސްޓް 2023

މި ސަރުކާރުން ހިންގާ މަޝްރޫޢުތަކާއެކު ރާއްޖޭގެ ރަށްތައް ރިސޯޓުތަކާ އެއް ފެންވަރަށް ތަރައްޤީކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމު މިފަދައިން ވިދާޅުވީ އެމަނިކުފާނު ދެވަނަ ރިޔާސީ ދައުރެއް ހޯއްދެވުމަށް ކުރައްވާ ކެމްޕެއިނުގައި ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު މިލަދޫއަށް ވަޑައިގެން އެ ރަށުގައި ދެއްކެވި ވާހަކަޅުފައެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި އެމަނިކުފާނުގެ ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއެކު ކުރިން ދުވަހަކުވެސް ޚިޔާލަށް ނުގެނެވޭ މިންވަރުގެ ތަރައްޤީއެއް ދިވެހިރާއްޖޭގެ ރަށްތަކަށް މިހާރު ގެނެވިފައިވެއެވެ.

އަދި ރަށްތައް ރިސޯޓުތައް ގޮތުގައި ފައްކާވަމުންދާކަމަށާއި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުން ފަތުރުވެރިން އެ ރަށެއްގައި ހަމަވެފައިވާ ކަންކަމަކީ ކޮބައިތޯ ބަލާ ހުރިހާ ކަމެއް ހަމަކުރެވި ނިމުނީކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރިސޯޓެއްގެ ގޮތަށް ފައްކާވަމުން މިދަނީ. މިހާރު ފެން ލިބޭނެ، ނަރުދަމާ އެބަ އޮތް، ޓޫރިސްޓުން ބަލާނެ ޗެކްލިސްޓް އެ އޮތީ ފުރިހަމަވެފައި، އަވަހަށް ތިޔަ ބޭފުޅުން ގެސްޓްހައުސްތައް އަޅުއްވާ،“ ރައީސް އިބްރާހީމް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވުމާއެކު ރައްޔިތުންނަށް ގޮވައިލެއްވީ ގެސްޓުހައުސް ފެށުމަށް ތައްޔާރުވުމަށެވެ. އަދި ގެސްޓުހައުސްތައް ފަށަން ބޭނުންވާ ލޯނު ލުއި ގޮތެއްގައި ސަރުކާރުން ފޯރުކޮށްދޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވި ނަމަވެސް ރާއްޖެއަށް އަންނަ ފަތުރުވެރިން ޒިޔާރަތްކުރާ ރަށްތައް ކަނޑައެޅުމުގައި އެރަށެއްގައި ނަރުދަމާއާއި ފެނުގެ ނިޒާމު ޤާއިމުކުރެވިފައިވޭތޯ ބަލާކަން އެނގޭނެ އެއްވެސް ހެއްކެއް ނެތެވެ. އަދި ގިނަ ރަށްތަކުގައި ނަރުދަމާއާއި ފެނުގެ މަސައްކަތްކުރުމަށް އެއްބަސްވެފައި އޮތް ނަމަވެސް އެ މަސައްކަތް ލަސްވެ ދިގުލައިގެން ގޮސްފައިވެއެވެ.

މި ދައުރުގައި ރަށްތަކުގައި ހިންގުމަށް ވައުދުވެފައިވާ މަޝްރޫޢުތަކުގެ 90 އިންސައްތަ ނިންމާފައިވާކަމަށް ރައީސް ވިދާޅުވި ނަމަވެސް ގިނަ ރަށްތަކުގައި ހިންގަން ފަށާފައިވާ މަޝްރޫޢުތަކުގެ ތެރެއިން ނިމިފައި ހުރީ އެއް މަޝްރޫޢު ނުވަތަ ދެ މަޝްރޫޢެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި މަސައްކަތްތައް ހިންގަނީ މަޝްރޫޢުތައް ނިންމުމުގެ ވިސްނުމުގެ ބަދަލުގައި ރައީސަށް ތާއީދުކުރާ ވަކި ބަޔަކަށް އެ މަޝްރޫޢުތަކުގެ ތެރެއިން ބޮޑެތި މަންފާތަކެއް ހޯދައިދިނުމުގެ ބޭނުމުގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!