އެމްޑީޕީ ސަރުކާރަށް ވުރެ މިސަރުކާރު އިންޑިޔާ އާއި މާ ގާތް: މޭޔަރު ނިޒާރު
ދެންމެ | 17 ސެޕްޓެމްބަރ 2024

މިހާރު އެމްޑީޕީގެ ސަރުކާރަށްވުރެވެސް މި ސަރުކާރު އިންޑިއާއާ ގާތްކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވާ ގޮތުގައި މި ސަރުކާރު ވެރިކަމަށް އައިއިރު ސަރުކާރުގެ ބަސްމަގު ހުރީ ނުހަނު ”ޑިމޮކްރަޓިކް“ ކޮށެވެ. އެގޮތުން ރައްޔިތުން ރުހޭ ބަސްމަގު ބޭނުންކޮށްގެން ވެރިކަމަށް އައިސް އެނޫން މަގަކުން ވަޑައިގަންނަވާނަމަ އެ ދެވެނީ ނުބައި މިސްރާބަކަށް ކަމަށް ނިޒާރު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ބަސްމަގު ގެންގުޅުއްވީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށްވުރެ މާ ޑިމޮކްރަޓިކް ބަސްމަގެއް ގެންގުޅުއްވީ، އަޅުގަނޑުމެންނަށް އެމެރިކާގެ އިންތިޚާބުގައި ގެންގުޅުއްވާ ކަހަލަ ބަހުރުވަތައް ރައީސް މުއިއްޒުވެސް ގެންގުޅުއްވީ އިންތިޚާބު ތެރޭގައި، އޭގެން ޤަބޫލު ކުރެވެނީ އެއީ ރައްޔިތުން ރުހޭ ބަސްމަގު އެއީ، އެއީ ރައްޔިތުން ރުހޭ ގޮތް އެއީ، އެނޫންގޮތަކަށް ގޯޅި އަޅަން މަސައްކަތް ކޮށްފިނަމަ ހަމަ ނުބައި ދިމާލަކަށް ދެވޭނީ

އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު

 

ނިޒާރު އިތުރަށް ވިދާޅުވީ، ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަތީވެސް އާދައިގެ ގޮތަކަށް ނޫން ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުން ނިޒާރު އިތުރަށް ވިދާޅުވީ، ވެރިކަމަށް ވަޑައިގަންނަވަން އިންޑިއާ އައުޓް ޓީޝާޓް ތުރު ކުރައްވައިގެން އޭރު ކުޅުއްވީ ޑްރާމާއެއް ކަމަށާއި، ނަމަވެސް މިއަދު ކަން ހިނގަމުންދަނީ އެއާ ދިމާ އިދިކޮޅަށް ކަމަށެވެ.

މިއަދު އެންމެންވެސް ޤަބޫލުކުރާ ހަމަތައް ޤަބޫލުކުރަންޖެހޭކަން ފެންނަމުންދާކަމަށް ނިޒާރު ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު އެމްޑީޕީގެ ސަރުކާރަށްވުރެވެސް މި ސަރުކާރު އިންޑިއާއާ ގާތްކަމަށް ނިޒާރު ވިދާޅުވިއެވެ.

އޭގެ އިތުރުން، ރައީސް ޑރ މުއިއްޒަކީ ހަގީގަތުގައި ޑީއާރްޕީގެ ފިކުރު ގެންގުޅުއްވާ ރައީސެއްކަމަށްވެސް ނިޒާރު ވިދާޅުވިއެވެ. އެހެން ވިދާޅުވާންޖެހޭ ސަބަބަކީ އެ ފިކުރަކީ ޑިމޮކްރަޓިކް ނިޒާމާ ބީރައްޓެހި ފިކުރަކަށްވާތީކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ބޮޑެތި ކަންކަން ހިނގުން އެކަށީގެންވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!