ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ވަޢުދުފުޅެއް ކަމަށާއި ރަސްމާލެ މަޝްރޫޢު ހަޤީޤަތަކަށް ހައްދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ދެއްވައިފިއެވެ.
ހީނާ ވަލީދު މިހެން ވިދާޅުވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.
ހީނާ ވަލީދުގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ބައިވެރިވެވަޑައިގެން މަޢުލޫމާތު ދެއްވިއެވެ.
މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު އެއް ވަޢުދުފުޅަކީ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން ކަން ފާހަގަ ކުރައްވާ، ރަސްމާލެ މަޝްރޫޢު މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަމުގައި ހީނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްވެގެން އައިއިރު، އެ މަޖިލީހުގައި އޮތީ އެމް.ޑީ.ޕީ.ގެ ސުޕަރ މެޖޯރިޓީއެއް ކަމަށާއި އެ މަޖިލީހުން ކުރެއްވި އެންމެ ދަތިވި އެއް ކަމަކީ އެ މަޝްރޫޢު ކުރިއަށް ނުގެންދެވޭނެހެން ބަޖެޓް ފާސްކުރުން ކަމުގައި ހީނާ ވިދާޅުވިއެވެ. ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އަމާޒުކޮށް ރަސްމާލޭގައި އެކަނިވެސް އެކިކަހަލަ 30 ހާސް ހައުސިންގ ޔުނިޓް އަޅާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ރަސްމާލެ މަޝްރޫޢުގެ މަސައްކަތް މެދުކެނޑުމަށްފަހު މިއަހަރުގެ ޖުލައިމަހު ވަނީ އަލުން ފަށައިފައެވެ. މި މަޝްރޫޢު އަލުން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަނީ ޖޫންމަހު ބޭއްވި ޕީއެންސީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވިދާޅުވެފައެވެ. އެމަނިކުފާނު އެ ރަސްމިއްޔާތުގައި ވިދާޅުވީ އަންނަ ޑިސެމްބަރުގެ ނިޔަލަށް ރަސްމާލެ ހިއްކައި ނިންމަވާނެ ކަމަށާ، ޑިސެމްބަރުގެ ނިޔަލަށް 1,100 ހެކްޓަރުގެ ބިން ހިއްކައި ނިންމަވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ފުށިދިއްގަރު ފަޅު ހިއްކަން ފަށާފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 18 ގައެވެ. އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ އެ ބިމުގައި ޤާއިމުކުރާ ސިޓީއަށް ”ރަސްމާލެ“ ނަމުން ނަން ދެއްވުމާއެކު، އެސިޓީއަކީ ތިމާވެއްޓާ ރަހުމަތްތެރި، ހުރިހާ ގިންތިއެއްގެ މީހުންނަށް ދިރިއުޅެން ފަސޭހަ ”އިންކުލޫސިވް“ ސިޓީއަކަށްވާނެ ކަމަށެވެ.