ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 30 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
މިރޭ އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން 30 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާ ކަމަށެވެ. މި ބިދޭސީން ޑީޕޯޓް ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް އެ އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަންތަކަކީ އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށްޓަކައި މެދުނުކެނޑި ކުރަމުން އަންނަ މަސައްކަތެއްކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ހިންގާ ޚާއްޞަ އޮޕަރޭޝަނަށް ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ލިބެމުންދާކަމަށް އިމިގްރޭޝަނުން ބުނާއިރު އެ އިދާރާއިން ވަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިން ވެސް ގާނޫނާއި ގަވާއިދުތަކަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ކުރަމުން ދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފަށާފައިވާ ބޮޑު ރެއިޑް އޮޕަރޭޝަންގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ހޯދައި އެމީހުންނަށް ފިޔަވަޅު އަޅާފައިވާކަން ފާހަގަ ކުރެވެއެވެ.
މާލެ ސަރަހައްދުގައި އިމިގްރޭޝަނުން ހިންގާ ޚާއްޞަ އޮޕަރޭޝަންގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް އެ އިދާއިން ވަނީ ބުނެފައެވެ.