އެސްޓީއޯ އިން ރޭޑިއޮގްރަފީ ކޯސް އިފްތިތާހުކޮށްފި
ދެންމެ | 07 އޮކްޓޯބަރ 2022
ރާއްޖޭގައި ރޭޑިއޯގްރަފުން ތަމްރީން ކުރުމަށް އެސްޓީއޯއިން ހިންގަން ނިންމާފައިވާ ކޯސް އިފްތިތާހުކޮށް ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްފި އެވެ.

ރޭ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސްކޮލަޝިޕް ލިބުނު 24 ދަރިވަރުންނަށް ލިޔުން ހަވާލު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

މިއީ އެސްޓީއޯ އާއި އެމްއެންޔޫ އާއި ހެލްތު މިނިސްޓްރީ އަދި އިންޑިއާގެ ޖީއީ ހެލްތު ކެއާ އާއި ގުޅިގެން ކުރިއަށްގެންދާ ޑިޕްލޮމާ އިން ރޭޑިއޯގްރަފީގެ ކޯހެއް ކަމަށް އެސްޓީއޯ އިން ވަނީ މައުލޫމާތު ދީފަ އެވެ.

ދެ އަހަރުގެ މުއްދަތަކަށް ކުރިޔަށްގެންދާ މިކޯހުގައި ހަ މަސް ދުވަހުގެ އަމަލީ ތަޖުރިބާ ހޯދަން ޖެހޭ އިރު، މި ސްކޮލަޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ޓިޔުޝަން ފީގެ އިތުރުން ކޮންމެ މަހަކު 2300 ރުފިޔާ ޕޮކެޓް މަނީގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެސްޓީއޯ އިން އިތުރަށް މައުލޫމާތު ދޭގޮތުގައި، މި ކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް ރާއްޖޭގެ ހޮސްޕިޓަލު ތަކުންނާއި، ކްލިނިކު އަދި ހެލްތު ސެންޓަރުތަކުގެ ރޭޑިއޯގްރަފީ ޑިޕާޓްމަންޓުން ވަޒީފާ ހަމަޖެހިގެން ދާނެ އެވެ.

އަދި ކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް