ދުވަހުގެ އެންމެ މަސައްކަތް ބުރަ ވަގުތުގައި ކޮފީއެއް ނުވަތަ ސައި ތައްޓެއް ބޯލުމަކީ ސިކުނޑި ތާޒާ ކޮށްދީ މަސައްކަތްތެރިކަން އިތުރުކޮށްދޭކަމެވެ. މިވަަގުތުގައި ތަފާތު ބުއިމެއް ތަޖުރިބާ ކުރަން ބޭނުންވާ ފަރާތްތަކަށް މުރަނގަފަތް ލާޓޭއަކީ ނުހަނު ގުޅޭނެ ބުއިމަކަށް ވެދާނެއެވެ. ފަސޭހައިން ތައްޔާރުކޮށްލެވޭ މި ބުއިމަކީ އަަހަރެމެން ދިވެހިންނަށް އެންމެ ކަމުދާ މުރަނގަފަތުގެ ފައިދާ ތަކުން ފުރިގެންވާ ބުއިމެކެވެ.
މުރަނގަފަތް ގަހުގެ ގިނަ ބައިތަކަކީ ކެއުމުގައި ބޭނުން ކުރެވޭ އަދި އެހާމެ ފައިދާ އެކުލެވޭ ބައިތަކެކެވެ. ޚާއްސަކޮށް އެންޓިއޮކްސިޑެންޓް (antioxidant) މާއްދާތަކާއި ވިޓަމިނާއި މިނަރަލް ހިމެނެއެވެ. މިގޮތުން މުހިންމު މާއްދާތަކުގެ ތެރޭގައި ހިމެނެނީ:
– ވިޓަމިން އޭ
– ވިޓަމިން ބީ
– ވިޓަމިން ސީ
– ކެލްސިޔަމް
– ޕޮޓޭސިޔަމް
– އަޔަން
– މެގްނީސިޔަމް
– ފޮސްފަރަސް
– ފައިބަރ
މުރަނގަފަތް ގަހުގެ ބައިތަކަކީ އޭގެ ބޭސްވެރި ކަމުގެ ފައިދާއަށްޓަކައި ޒަމާނުއްސުރެން އެކި ގައުމުތަކުގައި ބޭނުން ކުރެވި އަދި ދިރާސާ ކުރެވެމުން އަންނަ ބައިތަކެކެވެ. އަދި ތަފާތު ބަލި ތަކުގެ ފަރުވާގައި މުހިންމުވާ މާއްދާތައް މިގަހުގައި ހިމެނޭކަންވަނީ ހޯދިފައެވެ. މިގޮތުން މިގަހުގެ ސިއްހީ ފައިދާތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ:
– ލޭގައި ހަކުރު ހުންނަ މިންވަރު ދަށް ކޮށްދިނުން: ލޭގައި ހިމެނޭ ހަކުރުގެ މިންވަރު އިތުރު ވުމަކީ ހަކުރު ބައްޔައް މަގުފަހިވާ އެއް ސަބަބެވެ. އަދި ލޭގައި ހަކުރުގެ މިންވަރު އިތުރުވެފައި ހުންނަ މުއްދަތު ދިގުލައިގެން ދިޔުމަކީ ހިތުގެ ބަލިތަކައްވެސް މަގުފަހިވާ ކަމެކެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި އާންމުކޮށް މުރަނގަފަތް ބޭނުންކުރާނަމަ ލޭގައި ހަކުރު ހިމެނޭ މިންވަރު ދަށްކޮށްދެއެވެ.
– ކޮލެސްޓްރޯލްގެ މިންގަނޑު ދަށްކޮށްދިނުން: ހަށިގަނޑުގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރު އިތުރުވުމަކީ ހިތުގެ މައްސަލަތައް ދިމާވާން މެދުވެރިވާ އެއް ސަބަބެވެ. ފްލެކްސް ސީޑް، އޯޓްސް އަދި އަލްމަންޑް ފަދަ ކާނާއަކީ ކޮލެސްޓްރޯލް ދަށްކުރުމަށް ބޭނުން ކުރެވިދާނެ ކާނާއެވެ. ހަމަ އެއާއި އެކު މުރަނގަފަތަކީވެސް ކޮލެސްޓްރޯލް ދަށްކޮށްލުމަށް ފަސޭހައިން ބޭނުން ކޮށްލެވޭނެ އެއްޗެކެވެ.
މުރަނގަފަތުގައި އެންޓި-އޮކްސިޑެންޓް މާއްދާތައް އެކުލެވިފައި ވުމުގެ ސަބަބުން ހަށިގަނޑުގައިވާ ފްެރީ ރެޑިކަލްސް (free radicals) އާއި ދެކޮޅަށް މަސައްކަތްކޮށް އޭގެ ސަބަބުން ދިމާވެދާނެ ދާއިމީ ބަލިތަކުން ދިފާއުކޮށްދެއެވެ. އަދި އޭގައި އެކުލެވޭ އައިސޯތަޔޯސަޔަނޭޑް (Isothiocyanate) ފަދަ އެންޓި-އިންފްލެމޭޓަރީ (Anti-inflammatory) މާއްދާތަކުގެ ސަބަބުން އިންފްލެމޭޝަން ދަށްކޮށްދެއެވެ. މި މާއްދާތައް ކެންސަރު ފަދަ ބަލިތަކުގެ ފަރުވާއަށް ވެސް އެހީތެެރިވެދެއެވެ.
– މުރަނގަފަތުގައިވާ ސިއްހީ ފައިދާތައް އެކުލެވޭ ގިނަ މާއްދާތަކުގެ ސަބަބުން ލޭގެ ޕްރެޝަރު ރަނގަޅު މިންވަރުގައި ހިފަހައްޓައިދީ އަދި ނޭވާހިއްލުމާއި، އެނީމިޔާ (ހަށިގަނޑުގައި ލޭ މަދުވުން) ފަދަ ބަލިތަކަށް ފަރުވާކުރުމުގައި ބޭނުންކުރެވިދާނެއެވެ. އަދި އޭގައި ހިމެނޭ ފައިބަރ އިން ބަނޑުހަރުވުން ރަނގަޅުކޮށްދީ ހަށިގަނޑުގެ ހަޖަމްކުރާ ނިޒާމުގެ މައްސަލަތަކާއި އިންފެކްޝަންތަކުން ސަލާމަތްކޮށްދެއެވެ.
މުރަނގަފަތަކީ އާންމުކޮށް ގޯތިތެރޭގައި ހެދޭ ބާޒާރުންވެސް ފަސޭހަކަމާއިއެކު ލިބޭ ފަތެކެވެ. މިފަތް ގިނަ ދުވަހު ރައްކާކޮށްފައި ބެހެއްޓުމަށް ފަތް ހިއްކުމަށްފަހު މިކްސަރު ބޭނުންކޮށްގެން ހިމުން ކޮށް ފުނޑާ ލުމަށްފަހު ފުޅިއެއްގައި ރައްކާކުރެވިދާނެއެވެ.
މުރަނގަފަތް ލާޓޭ ތައްޔާރު ކުރާނެގޮތް
ބޭނުންވާ ތަކެތި:
– ފުނޑާފައިވާ މުރަނގަފަތް
– 1 ތަށި ކިރު
– 1 ސައިސަމުސާ މާމުއި
ޖޯޑަކަށް ކިރު އަދި 1 ސައިސަމުސާ މުރަނގަފަތް ޕައުޑަރު އަޅައި ކޮފީ ގިރާ މިކްސަރުން ނުވަތަ ފްރޮތާ (frother) އިން ރަނގަޅަށް ގިރާލާށެވެ. އަދި މާމުއި އަޅައި އެއްކޮށްލާށެވެ.
މިބުއިން ހޫނުކޮށް އަދި ފިނިކޮށް ވެސް ބޭނުންކުރެވިދާނެއެވެ. ހޫނުކޮށް ބޯން ބޭނުންނަމަ ކިރު ހޫނުކުރުމަށްފަހު މުރަނގަފަތް ޕައުޑަރު އަޅާނީއެވެ. ފިނި ބުއިމެއް ތައްޔާރު ކުރާނަމަ އެންމެ ފަހު ކަމަކަށް ގަނޑުފެން އިތުރު ކޮށްލާށެވެ.
މުރަނގަފަތް ލާޓޭއަކީ މާޗާ (Matcha) ކަމުދާ ފަރާތްތަކަށްވެސް ކަމުދާނެ ބުއިމެކެވެ. އަދި މިއީ އާދަވެގެން ކޮންމެ ދުވަހަކު ބޭނުން ކުރެވިދާނެ ބުއިމެކެވެ. މުރަނގަފަތް ޕައުޑަރު އެދެވިގެންވަނީ ދުވާލެއްގެ މައްޗައް 70 ގްރާމް ނުވަތަ 11 ސައިސަމުސާ އަށްވުރެ މަދުން ބޭނުން ކުރުމެވެ. މުރަނގަފަތް ލާޓޭގެ އިތުރުން ކުޅި ރިހައެއް ނުވަތަ ޕާސްތާއެއް ތައްޔާރުކޮށްލުމަށްވެސް މުރަނގަފަތް ޕައުޑަރު ބޭނުން ކުރެވިދާނެއެވެ.