އާރުޓީއެލް ހިދުމަތް އުތުރުގައި ފަށައިފި
ދެންމެ | 27 ޖޫން 2022

މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ތައާރަފުކޮށްފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް ހއ. އަތޮޅުގައި މިއަދު ފަށައިފިއެވެ.

އާރުޓީއެލް ހިދުމަތް ހއ. ގައި ފެށުމުގެ ގޮތުން، އެ ހިދުމަތްދޭ އެމްޓީސީސީން ފަރުމާކޮށްފައިވާ ފަސް ލޯންޗު ފެރީ މިދިޔަ ހުކުރު ދުވަހުގެ މެންދުރު ވަނީ އެ އަތޮޅަށް ފޮނުވައިފައެވެ.

އެ ލޯންޗު ފެރީތައް ފުރުވާލުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ މެރިން ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ފާރިގް ވިދާޅުވީ އެ އަތޮޅުގައި ހިދުމަތް ދޭނީ ހިލޭ ކަމަށާއި ޓިކެޓު ނަގައިގެން ހިދުމަތްދޭން ފަށާނީ އަންނަ މަހުން ފެށިގެން ކަމަށެވެ. އަދި އަމާޒަކީ އަންނަ މަސް ނިމުމުގެ ކުރިން އެ ޒޯންގައި ހިމެނޭ ށ. އަތޮޅުގައިވެސް އާރުޓީއެލްގެ ހިދުމަތް ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހއ. ގައި މިއަދު ފެށި ފެރީގެ ހިދުމަތް ދެނީ އަށް ރޫޓަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން އިހަވަންދޫ އަދި ދިއްދޫން ސީދާ ދަތުރުތައް، އުތުރު ވިޔަފާރީގެ ހަބް ކަމަށްވާ ކުޅުދުއްފުށި ސިޓީއަށް ކުރާނެއެވެ. އަދި ދިއްދޫން ހދ. ހަނިމާދުއަށް ވެސް ސީދާ ދަތުރުތައް ކުރާނެއެވެ. ހއ. ގެ އާރްޓީއެލް ހަބަކީ ދިއްދޫއެވެ. އެ ރަށަށް އެ އަތޮޅުގެ ފަސް ރޫޓަކުން ދަތުރުތައް ކުރަން ވަނީ ހަމަޖެހިފައެވެ.

ޖުމްލަ ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ބާކީ ފަސް ޒޯނުގައި ހިމެނެނީ 17 އަތޮޅެކެވެ. އެއީ ނ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދެވެ. އެ އަތޮޅުގެ ފެރީގެ ހިދުމަތަކަށް ބޭނުންވާ ލޯންޗުތައް ބަނުމުގެ މަސައްކަތް ގަލްފް ކްރާފްޓާ ގުޅިގެން އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.

އާރްޓީއެލްގެ އަތޮޅުތެރޭގެ ކައިރި ރަށްތަކުގެ ދަތުރުތަކަށް ދެކޮޅު ޓިކެޓަށް 65 ރުފިޔާ ކަނޑައަޅާފައިވާ އިރު، ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު އެވްރެޖުކޮށް އުޅެނީ 90 ރުފިޔާ އިން ފެށިގެން 180 ރުފިޔާއާ ދެމެދެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހޭދަކުރާ އިރު، އެ ހިދުމަތް ދެނީ އެކި ޒޯނުތަކަށް ބަހާލައިގެންނެވެ. ޖުމްލަ ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ހިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ހދ. އަތޮޅުގައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅުވާލުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!