ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
«مَثَلُ الجَلِيسِ الصَّالِحِ وَالسَّوْءِ، كَحَامِلِ المِسْكِ وَنَافِخِ الكِيرِ، فَحَامِلُ المِسْكِ: إِمَّا أَنْ يُحْذِيَكَ، وَإِمَّا أَنْ تَبْتَاعَ مِنْهُ، وَإِمَّا أَنْ تَجِدَ مِنْهُ رِيحًا طَيِّبَةً، وَنَافِخُ الكِيرِ: إِمَّا أَنْ يُحْرِقَ ثِيَابَكَ، وَإِمَّا أَنْ تَجِدَ رِيحًا خَبِيثَةً» [متفق عليه]
މާނައީ: ”އެއް މަޖުލީސްކުރާ މީހުންކުރެ ޞާލިޙުންނާއި ނުރަނގަޅު މީހުންގެ މިޘާލަކީ އަތަރު ގެންގުޅޭ މީހަކާ ”ކީރެއް“ ގެންގުޅޭ މީހެއްގެ މިޘާލެވެ. ފަހެ އަތަރު ގެންގުޅޭ މީހާ ތިބާއަށް އޭނާގެ އަތަރު ދީފާނެއެވެ. ނުވަތަ ވިއްކަފާނެއެވެ. ނުވަތަ އޭނާގެ ކިބައިން ތިބާއަށް މީރުވަސް ދުވާނެއެވެ. އަދި ކީރު ގެންގުޅޭ މީހާގެ ސަބަބުން ތިބާގެ ހެދުން އަނދާފާނެއެވެ. ނުވަތަ އޭނާގެ ކިބައިން ނުބައިވަސް ދުވާފާނެއެވެ.“
ނުބައި އެކުވެރީން ގެންގުޅުމަކީ އެމީހެއްގެ ސުލޫކަށް ވަރަށް އަސަރުކުރާ ކަމެކެވެ. އިސްލާމްދީނުގައި ވެސް އަޅުގަނޑުމެންނަށް ބާރުއަޅުއްވާފައިވަނީ ރަނގަޅު އެކުވެރީން ގެންގުޅުމަށެވެ. އަދި ސުވަރުގެ ޙާސިލް ކުރުމަށްވެސް ރަނގަޅު އެކުވެރީން ގެންގުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ﷲ ތަޢާލާ ފުރްޤާން ސޫރަތުގެ 27 ވަނަ އާޔަތުން 29 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ.
وَيَوْمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَٰلَيْتَنِى ٱتَّخَذْتُ مَعَ ٱلرَّسُولِ سَبِيلًا ﴿٢٧﴾ يَٰوَيْلَتَىٰ لَيْتَنِى لَمْ أَتَّخِذْ فُلَانًا خَلِيلًا ﴿٢٨﴾ لَّقَدْ أَضَلَّنِى عَنِ ٱلذِّكْرِ بَعْدَ إِذْ جَآءَنِى وَكَانَ ٱلشَّيْطَٰنُ لِلْإِنسَٰنِ خَذُولًا ﴿٢٩﴾
މާނައީ: ”އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެދުވަހުން) ބުނާނެތެވެ. އޭ ސަހަރޯއެވެ! رسول އާގެ އަރިހުން މަގެއް ހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސްހެއްޔެވެ؟ (27) އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ! (28) ހަމަކަށަވަރުން، ތިމަންނާއާހަމަޔަށް އެ قرآن އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި شيطان އާ ވެއެވެ. (29)“
ﷲ ތަޢާލާ ޤިޔާމަތް ދުވަހުގެ ވާހަކަ އަޅުގަނޑުމެންނަށް އަންގަވާފައިވަނީ އަޅުގަނޑުމެން ރަނގަޅު މަގު އިޚްތިޔާރު ކުރުމަށްޓަކައެވެ. ރަނގަޅު މަގަށް އުޅުމަށްޓަކައި ރަނގަޅު އެކުވެރީން އިޚްތިޔާރުކޮށް ރިވެތި ސިފަތައް މީހާގެ ގައިގައި އަށަގަންނެވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ހަވާ ނަފްސާއި، ޝަހްވަތްތަކަށް ތަބަޢަނުވެ، ރަނގަޅު މަގު އިޚްތިޔާރު ކުރުމަކީ ވަރަސް އުދަނގޫ ކަމެކެވެ. ނަމަވެސް އާޚިރަތް ދުވަހުން ކާމިޔާބު ލިބޭނީ ހެޔޮ މަގަށް އުޅުނު މީހުންނަށް އެކަންޏެވެ.