ވަޒީފާއިން ވަކި ކުރާ މީހުންނަށް ގާނޫނީ ލަފާ ދޭން އެމްޑީޕީން ނިންމައިފި
ދެންމެ | 24 ސެޕްޓެމްބަރ 2024

ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުން ޤާނޫނާ ޚިލާފަށް ވަކިކުރާ މުވައްޒަފުންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ސިޔާސީ ސަބަބުތަކަށް ޓަކައި ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށެވެ.

އެހެންކަމުން އެމްޑީޕީން ވަނީ ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރާ ނުވަތަ ސިޔާސީ ސަބަބުތަކަށްޓަކައި ފިޔަވަޅު އަޅާ މުވައްްޒަފުންގެ ތެރެއިން އެޕާޓީގެ ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން، އީމެއިލް މެދުވެރިކޮށް ނުވަތަ 7341637 ނަންބަރަށް ގުޅައި އެކަން ޙިއްސާ ކޮށްދިނުމަށް އެދިފައެވެ.

އެމްޑީޕީން މީގެ ކުރިންވެސް ވަނީ މި ސަރުކާރުން ކުންފުނިތަކުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ބުނެފައިކަން ފާހަގަކޮށްފައެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވީ ވައުދާ ޚިލާފުވެފައި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން ބުނެފައިވަނީ، ކުންފުނިތަކުން ވަކިކުރަމުން ދަނީ މި ސަރުކާރަށް ތާއީދު ނުކުރާ މުވައްޒަފުން ކަމަށާއި އަދި އެކަން ކުރަންފެށީ ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ތާއީދުނުކުރާ މުވައްޒަފުން ވަކިކުރަން ފަށާނެކަމަށް ބުނެ، ޕީއެންސީގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި އިންޒާރު ދީފައިވަނިކޮށް ކަމަށެވެ.

އެހެންކަމުން ސިޔާސީ މަގާމުތަކަށް އައްޔަނު ކޮށްފައިވާ މީހުންގެ ތެރެއިން ކުރާނެ އެއްވެސް މަސައްކަތެއް ނެތި އައްޔަނު ކޮށްފައިވާ މީހުން މަގާމުތަކުން ވަކިކުރުމަށާއި ބޭކާރު ގޮތުގައި ސަރުކާރުން ކުރަމުންދާ ހަރަދުތައް މަދުކުރުމަށް އެމްޑީޕީން ގޮވާލާފައި ވެއެވެ.

ވަޒީފާތަކުން ޤާނޫނާ ޚިލާފަށް ވަކިކުރާ މުވައްޒަފުންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްޑީޕީން ނިންމާފައިވާއިރު ސަރުކާރުގެ ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރާ ވަގުތީ މުވައްޒަފުންގެ ތެރެއިން މަސައްކަތް ހުއްޓިފައިވާ ސައިޓްތަކުގެ މުވައްޒަފުންގެ އެއްބަސްވުން އައު ނުކުރުމަށް އެކުންފުނިތަކުން ދަނީ ނިންމަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!