އޮރިޔާން ފޮޓޯގެ އުފެދުނު ގޮތް ނޭނގި އެޖެންޑާއެއް ނުކުރެވޭނެ: ރައީސް ނަސީދު
ދެންމެ | 27 ޖޫން 2022

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ސިޔާސީ ބައެއް ބޭފުޅުންގެ ބަރަހަނާ މަންޒަރު ފެންނަ ވީޑިއޯތަކާ ގުޅިގެން އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ކުއްލި މައްސަލަ ބަލައި ނުގަތުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލަތަކަކީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކަކަށް ވާތީ އެޖެންޑާ ނުކުރަން ނިންމާފައިވާ ކަމަށެވެ.

”މި ފޮޓޯތަކަކީ އެކިއެކި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތު، ފުލުސް އޮފީހަށް ހުށަހަޅާފައިވާ ފޮޓޯ، މި ފޮޓޯތަކުގެ ސައްހަކަން ފުލުސް އޮފީހަށް ކަށަވަރު ނުވޭ، އެއީ އަސްލު ކަމަށް ބަލައި މި މަޖިލީހުގައި ބަހުސް ކުރުމުގެ ޖާގަ އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،“ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މި ފޮޓޯ އުފެދުނު ގޮތް ދެނެ ނުގަނެ، އެހެން މީހެއްގެ އަބުރަށް އުނިކަން އަންނާނެ ގޮތަށް ކަންކަން ކުރުމަކީ ރާއްޖޭގެ އުސޫލުތަކާއި ހަމަތަކާ ހިލާފު ކަމެކެވެ.

މި މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުމާ ގުޅިގެން، މަޖިލީހުގެ އިދިކޮޅު މެންބަރުން ވަނީ ތަޅުމުގައި އަޑު ގަދަ ކުރައްވާފަ އެވެ.

އެގޮތުން، އިދިކޮޅުގެ ދެ މެންބަރަކު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ ކުރައްވާ ސުވާލުތައް ކުރެއްވުމަށް ވަނީ ދެކޮޅު ހައްދަވާފަ އެވެ. މިނިސްޓަރާ ސުވާލު ކުރައްވަން ބޭނުން ނުވާ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވަނީ ވިދާޅުވެފަ އެވެ.

ދެ މެންބަރުން ސުވާލުކުރައްވަން ދެކޮޅު ހެއްދެވުމުން، ޖަލްސާއަށް ހާޒިރުވެވަޑައިގެން އިންނެވި އަސްލަމް ވަނީ ޖަލްސާ ދޫކޮށް ވަޑައިގަންނަވާފަ އެވެ.

އޭގެ ފަހުން، އިދިކޮޅުގެ ފަސް މެންބަރުން ވަނީ ރިޔާސަތުގެ ކުރިމައްޗަށް އެއްވެ، ކުއްލި މައްސަލަ ބަލައިނުގަތުމުން އެކަމާ އަޑުގަދަ ކުރައްވާފަ އެވެ.

މަޖިލިސް ކޮންޓްރޯލް ނުވެ، ނަޝީދު ރިޔާސަތު ދޫކުރައްވާ އެ މެންބަރުންނާ މަޝްވަރާ ކުރައްވަން ވަޑައިގެން ނަމަވެސް، މެންބަރުން ވަނީ ގޮނޑިކޮޅަށް ދިއުމަށް ދެކޮޅު ހައްދަވާފަ އެވެ. ޖަލްސާ ކޮންޓްރޯލް ނުކުރެއްވުމުން ނަޝީދު ވަނީ ހުސް ވަގުތުކޮޅަކަށް ޖަލްސާ މެދުކަނޑާލައްވާފަ އެވެ.

މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

ގުޅުންހުރި ލިޔުންތައް