އެމްޑީޕީ ވެރިކަމުގައި ޕީއެސްއެމު ތިޖޫރީން 9 މިލިޔަން ވަނީ ގެއްލިފައި: އޮޑިޓަރ ޖެނެރަލް
ދެންމެ | 26 ސެޕްޓެމްބަރ 2024

ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ޑޮލަރުގަތުމަށް ނެގި ފައިސާ އާއި، އާމްދަނީގެ ގޮތުގައި ލިބިފައިހުރި ފައިސާގެ ތެރެއިން 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ވީއެއްނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވާފައިވާ ޕަބްލިކް ސާވިސް މީޑިއާއިން ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާ އާ ގުޅޭ 36 ސަފްހާގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ޕީއެސްއެމަށް ޑޮލަރު ގަތުމަށް އަމިއްލަ ފަރާތްތަކަށް އެކިފަހަރުމަތިން ގިނަ އަދަދެއްގެ ފައިސާ ދިނުމަށްފަހު އޭގެ ތެރެއިން ބައެއް ފައިސާއަށްވާ ޑޮލަރު ލިބިފައި ނުވާކަމަށެވެ.

އެގޮތުން ކުރެވުނު އޮޑިޓްގައި އުސޫލާ ހިލާފަށް މާލިއްޔަތު ގަވައިދާ ހިލާފަށް ގިނަ ކަންތައްތަކެއް ހިނގާފައިވާކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ ފާހަގަަަކޮށްފައެވެ.

މި ރިޕޯޓްގައި ބުނެފައިވަނީ ޕީއެސްއެމަށް ބޭނުންވާ ޑޮލަރު ގަތުމުގެ ނަމުގައި 2020 ވަނަ އަހަރުންފެށިގެން 2024 ވަނަ އަހަރުގެ އެޕްރިލް މަހުގެ ނިޔަލަށް ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނެގި ފައިސާގެ ތެރެއިން 4.5 މިލިއަން ރުފިޔާ އާއި 2017 ވަނަ އަހަރުންް ްފެށިގެން މިއަހަރުގެ އެޕްރިލްމަހުގެ ނިޔަލަށް އާމްދަނީ އާއި އެހެނިގެން ގޮތްގޮތުން ބަލައިގަނެފައިވާ ފައިސާގެ ތެރެއިން 4.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަމަށެވެ. މީގެ ތެރޭގައި ތިޖޫރީގައި ހުރި 190،087 ރުފިޔާވެސަް ހިމެނެއެވެ.

 

އޮޑިޓް ރިޕޯޓްގެ ހުލާސާ

 

– ޑޮލަރުގަތުމަށް ވޭތުވެދިޔަ ހަތަރު އަހަރުދުވަހުގެ ތެރޭގައި އެކި ފަހަރުމަތިން ޖުމްލަ 373،988 ޑޮލަރަށްވާ 5،785،346 ރުފިޔާ ޕީއެސްއެމްގެ އެކައުންޓުން އެކިފަހަރުމަތިން ނަގާފައިވާއިރު، 4،583،701 ރުފިޔާއަށްވާ 297،257 ޑޮލަރު ޕީއެސްއެމަށް ލިބިފައެއް ނުވެއެވެ.

– އޮންލައިން ޓްރާންސްފަރ ހަދައިގެން 1،284،479 ރުފިޔާ ޑޮލަރުގަތުމަށް ނަގާފައިވާއިރު، ޖުމްލަ 75،491 ޑޮލަރަށްވާ 1،164،068 މިލިއަން ރުފިޔާ އެކިފަހަރުމަތިން ޖަމާކޮށްފައިވަނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ ބޭންކް އެކައުންޓަށްކަން.

– އޮންލައިން ޓްރާންސްފަރ ހެދުމަށް ބައެއް ޕޭމަންޓް ވައުޗަރުތަކުގައި ސޮއިކޮށްފައިވަނީ ހަމައެކަނި އޭރުގެ ފައިނޭންސް ޑިރެކްޓަރު އެކަނިކަން.

– ރާއްޖެއިން ބޭރުގެ ކުންފުންޏެއްގެ ބިލްތަކަށް ފައިސާ ދެއްކުމަށް ބޭނުންވާ ޑޮލަރުގަތުމަށް އެއްފަހަރަށްވުރެ ގިނަ ފަހަރަށް އެއް ބިލްތަކެއް ބޭނުންކޮށްފައިވާކަން.

– ޑޮލަރު ގަތުމަށް ނެގި ފައިސާއަށް ލިބުނު ބައެއް ޑޮލަރުތައް މުއާމަލާތްކުރުމުގައި ކުރީގެ ފައިނޭންސް ޑިރެކްޓަރާއި އޭނާގެ ދަރީގެ އެކައުންޓްތައް އުސޫލާ ހިލާފަށް ބޭނުންކޮށްފައިވުން.

 

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވާގޮތުން 2017 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރަށް ޕީއެސްއެމަށް ލިބުނު އާމްދަނީގެ ގޮތުގައި ލިބުނު ނަގުދު ފައިސާގެ ތެރެއިން 4.2 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކުންފުނީގެ ބޭނުމަށް ބޭނުންނުކޮށް އަދި ކުންފުނީގެ ތިޖޫރިއަށްވެސް ނުވައްދައި އެ ފައިސާގެ ތެރެއިން 4.1 މިލިއަން ރުފިޔާ އާ އެންމެފަހުން ހަވާލުވެފައިވަނީ ކުރީގެ ފައިނޭންސް ޑިރެކްޓަރުކަން ފާހަގަކުރެވިފައިވާކަމަށެވެ.

މިގޮތުން ޕީއެސްއެމް ތިޖޫރީގައި ހުންނަންޖެހޭ 190،087 ރުފިޔާ ބޭންކް އެކައުންޓަށް ޖަމާކުރުމަށް ކުރީގެ ފިނޭންސް ޑިރެކްޓަރު ހަވާލުވުމަށްފަހު، އެފައިސާ ޕީއެސްއެމް އެކައުންޓަށް ނުވަދެ ގެއްލިފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ ބުނެފައެވެ. މީގެ އިތުރުންވެސް އޮޑިޓަރ ޖެނެރަލްގެ މި ރިޕޯޓްގައިވަނީ ޕީއެސްއެމަށް ޑޮލަރުގަތުމަށް ނެގި ފައިސާ އާއި، އާމްދަނީގެ ގޮތުގައި ލިބިފައިހުރި ފައިސާގެ ހިޔާނާތާ ގުޅޭ އެތައް މައްސަލަތަކެއް ފާހަގަކޮށްފައެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ދައުލަތުގެ މީޑިއާ ފާހަގަކުރެވިފައިވަނީ، އެދެވޭ ގޮތެއްގައި އާމްދަނީ ނުލިބި، ދަރަނީގެ މައްސަލަ އެންމެ ބޮޑު ކުންފުނީގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!