ސިއްހީ ހިދުމަތުގެ ރައްކާތެރިކަމަކީ ދިވެހިންގެ އިތުރުން ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިނަށްވެސް ލިބިދޭން ޖެހޭ ހައްގެއް ކަމަށް މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހާއި ގުޅިގެން އައްޑޫ ސިޓީގައި ކުރިއަތް ގެންދިޔަ ހާއްސަ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ސާޖިދާ ވިދާޅުވީ ބަލިމީހާ އަށް ދެވޭ ފަރުވާގެ ގޮތުންނާއި ދެވޭ ފަރުވާ ބާވަތުން ފުރާނައަށާއި ހަށިގަނޑަށް ބޮޑެތި ގެއްލުންތައް ވެފައި ވުމަކީ ރާއްޖޭގެ ތާރީހުގައި ވެސް އަދި މިހާރުވެސް ބައެއް ފަހަރަށް ތަޖުރިބާ ކުރެވޭ ކަމެއް ކަމަށެވެ.
ހިދުމަތް ދިނުމުގައި ފަރުވާތެރިވެ މިފަދަ ކަންކަން މަދުކުރަން މަސައްކަތް ކުރަންޖެހޭ ކަމަށާއި ގައުމީ ހުރިހާ ލެވެލެއްގައި މި ކަމުގައި މަޝްވަރާކޮށް، އާރުލާ ނިންމުންތަކެއް ނިންމައި ތަންފީޒުކޮށް، ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެންނަން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ސާޖިދާ ވިދާޅުވި އެވެ.
”ބަލިމީހުންގެ ސަލާމަތަށްޓަކައި އާ އުސޫލުތަކާއި އައު ވަސީލަތްތައް ތައާރަފްކުރެވި ފުރިހަމައަށް އެކަންކަން ތަންފީޒު ކުރެވެން ފަށާ ދުވަހަކީ ދިވެހި ސިއްހީ ދާއިރާ އާ އުސްމިންތަކަކަށް ދަތުރުކުރުން. ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ބަލިމީހާގެ ރައްކާތެރިކަން ނުވަތަ ފަރުވާގެ ސަބަބުން ގެއްލުމެއްވެނުދިނުމުގެ މަތިވެރި މަގުސަދު އަބަދުމެ އިސްކުރުމަށް ތި އެންމެހާ ލޮބުވެތި ސިއްހީ ހިދުމަތްތެރިންނަށް އިލްތިމާސްކުރަން.“ ސާޖިދާ ވިދާޅުވި އެވެ.
އަދި ޑަބްލިއުއެޗްއޯގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި އެއްގޮތަށް ރާއްޖޭގެ ހާލަތާއި ވެއްޓަށް ފެތޭގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ސާޖިދާ ވަނީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގައި ބަލި މީހާގެ ރައްކާތެރިކަން ނުވަތަ ފަރުވާގެ ސަބަބުން ގެއްލުމެއް ވިޔަ ނުދިނުމުގެ މަތިވެތި މަގުސަދު އަބަދުވެސް އިސްކުރުމަށް ސިއްހީ ހިދުމަތްތެރިންނަށް އިލްތިމާސްކުރައްވާފަ އެވެ.
ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހަކީ ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމުކަން އެންމެނަށް އަނގައިދިނުމާއި އެކަމަށް ހޭލުންތެރި ކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ރާއްޖޭގައި އެންމެ ފުރަތަމަ ފާހަގަކުރަން ފެށުނީ 2019 ވަނަ އަހަރުއެވެ.
މި ދުވަހުގެ މި އަހަރުގެ ޝިއާރަކީ ”ބަލިމީހާގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުމުގެ ގޮތްތައް ދެނެގަތުމުގެ ގޮތްތައް ހަރުދަނާކޮށް ފެންވަރު މަތިކުރުމެއެވެ.“ މިއީ މި ފެންވަރުގައި މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ކޮންފަރެންސެވެ.