ފަލަސްތީނަށް މިނިވަންކަން ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން: ސައުދީ
ދެންމެ | 01 އޮކްޓޯބަރ 2024

ފަލަސްތީނުގެ މިނިވަންކަން ހޯދައިދިނުމަށް ސައުދީ އަރަބިއްޔާ އިން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

ސައުދީ ސަރުކާރުން މިކަން ހާމަކޮށްފައި ވަނީ ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ސައުދީން ބުނީ ފަލަސްތީނަށާއި އެ ގައުމުގެ ރައްޔިތުންނަށް މިނިވަންކަން ހޯދައިދިނުމަށް ސައުދީގެ ރަސްގެފާނާއި ވަލީ އަހުދުގެ އިރުޝާދުގެ މަތިން ބައިނަލްއަގުވާމީ މައިދާނުގައި ހުއްޓުމެއް ނެތި އެގައުމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފަލަސްތީނުގެ ހައްގުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމުގެ ފާޑުކިޔުން ސައުދީއަށް އަބަދުވެސް އަމާޒުވާކަން ގިނަ ފަރާތްތަކުން ފާހަގަ ކުރެއެވެ. ނަމަވެސް އެގައުމުން ބުނަމުން ދަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެގައުމުން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ އެތައް މިލިއަން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނޭ ކަމަށްވެސް ސައުދީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ސައުދީން ބުނީ މިދިޔަ އަހަރުތަކުގައި ސައުދީން ފަލަސްތީނަށާއި ރައްޔިތުންނަށް ފޯރުކޮށްދީފައިވާ އެހީތެރިކަން 5.3 ބިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!