ބޭންކް ސްޓޭޓްމެންޓް ހޯދީ ގާނޫނާއި އެއްގޮތަށް: ޕީޖީ
ދެންމެ | 08 އޯގަސްޓް 2022
ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބެންކު ސްޓޭޓްމަންޓްތައް ޤާނޫނާއި ހިލާފަށް ހޯދާފައި ނުވާކަމަށާއި، ބެންކު ސްޓޭޓްމަންޓްތައް ހޯދީ ޤާނޫނާއި އެއްގޮތަށްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން މިކަން ހާމަކޮށްފައި މިވަނީ ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމަކާއި ގުޅިގެނެވެ. އެގޮތުން ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައެއްގައި ދައުވާ ލިބޭ މީހުންގެ ބޭންކް ސްޓޭޓްމަންޓްތައް ހޯދީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ހަވާލާދީ ކަމަށް ވިޔަސް، އެ ގާނޫނުގައި އެ ގޮތަށް ބޭންކް ސްޓޭޓްމަންޓް ދިނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށް ވަނީ ނިންމާފައެވެ. އަދި ބޭންކިންގެ ގާނޫނުގައި ވެސް އެ ގޮތަށް ބަޔާންކޮށްފައި ނުވާ ކަމަށާއި އެހެންވެ، އެ ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ހޯދި ގޮތެއް އެނގެން ނެތް ކަމަށްވެސް އެ ނިންމުމުގައިވެއެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި މަސްތުވާތަކެތީގެ ބޮޑެތި ދައުވާތަކެއް ލިބޭ މީހުންގެ ބޭންކް ސްޓޭޓްމަންޓް ނަގާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި އެ ހެކި ބަލައިނުގަތުމަށް ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފްކުރާނެކަމަށް ޕީޖީ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ބުރާސްފަތިދުވަހު ނިންމި ނިންމުގައި ވަނީ ބޭންކް ސްޓޭޓްމަންޓް ހޯދީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ފުލުހުން ސިޓީއަކުން އެދިގެން ކަމަށް ބުންޏަސް، އެ ސިޓީގައި އެގޮތަށް ބުނެފައި ނުވާކަމަށެވެ. އަދި އާންމު ބޭންކް ސްޓޭޓްމަންޓްތައް ބޭންކްތަކުން ދޫކުރަނީ ބޭންކް ސިޓީއަކާއެކު ކަމަށާއި އެކަމަކު އެ މައްސަލައިގައި އެފަދަ ސިޓީއެއްވެސް ނެތް ކަމަށް އެ ނިންމުމުގައިވެއެވެ.

ކޯޓުން މިގޮތަށް ނިންމުމުން މިމައްސަލައިގައި ދައުވާ ލިބޭ މީހުންނާއި ދެކޮޅަށް ހުށަހެޅި ބެންކް ސްޓޭޓްމަންޓް ހެކި ބަލައިނުގަތުމަށް ކޯޓުން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!