ކުރީގެ ސަރުކާރުން ހައްދެއް ސުމާރެއް ނެތި ޗާޕްކުރި ނޫޓްތައް އަތުލުމަށް އެމްއެމްއޭއިން އޮޕަރޭޝަނެއް ފަށައިފި
ދެންމެ | 01 އޮކްޓޯބަރ 2024

ކުރީ ސަރުކާރުން ޕަބްލިކް ބޭންކު އެކައުންޓު އޯވާޑްރޯ ކޮށް، ފައިސާ ޗާޕުކުރުމާ ގުޅިގެން ބޭންކިން ނިޒާމުގައި އިތުރުވެފައި ހުރި ފައިސާ މަދުކުރަން އޯޕަން މާކެޓް އޮޕަރޭޝަނެއް ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޯޑުން ފާސްކޮށްފައިވާ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވީ އޯޕަން މާކެޓް އޮޕަރޭޝަންގެ ސަބަބުން ސަރުކާރުގެ ކޭޝް ފްލޯ މެނޭޖުކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް ޗާޕުކޮށްފައި ހުރި ފައިސާ މަދުކުރާނީ އެއްފަހަރާ ނޫން ކަމަށް މުނައްވަރު ވަނީ ވިދާޅުވެފައެވެ.

އަދި މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދަށް ފަހުން ނަމަވެސް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން އެކި ފަހަރު މަތިން 8.2 ބިލިއަން ރުފިޔާ ޗާޕްކޮށްފައި އިޤްތިޞާދަށް ދޫކޮށްލި އެވެ.

ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައެވެ.

އެހެންކަމުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، އޯޕަން މާކެޓް އޮޕަރޭޝަންސް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް އެމްއެމްއޭއިން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!