ކުށްކުރުން މަދުވެއްޖެ: ފުލުހުން
ދެންމެ | 01 އޮކްޓޯބަރ 2024

މިދިޔަ އޮގަސްޓު މަހަށް ވުރެ، ހުސްވި ސެޕްޓެމްބަރު މަހު ކުށުގެ މައްސަލަތަކުގައި ފުލުހުންނަށް ރިޕޯޓްކުރާ މިންވަރު މަދުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ އޮގަސްޓް މަހަށް ވުރެ މިދިޔަ މަހު ރިޕޯޓުކުރި ޖުމްލަ މައްސަލަތައް މަދު ކަމަށެވެ.

އެ ޕޯސްޓުގައި ޝިފާން ހިއްސާ ކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން. އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު ވެސް އެންމެ ގިނައިން ރިޕޯޓުކުރި ވައްކަމާ ގުޅުން ހުރި މައްސަލަތައް ވަނީ 327 އިން 230 އަށް މަދުވެފައެވެ. އަދި ފޭރުމާ ގުޅުން ހުރި މައްސަލަތައް 52 އިން 46 އަށް މަދުވެފައިވާއިރު، ޑްރަގާ ގުޅުން ހުރި މައްސަލަތައް ވެސް ވަނީ 134 އިން 111 އަށް ދަށްވެފައެވެ.

އެ މައްސަލަތަކުގެ އިތުރަށް، އެންމެ ބޮޑު ތަފާތެއް އައީ ޓްރެފިކާ ގުޅުން ހުރި މައްސަލަތައް ރިޕޯޓުކުރާ މިންވަރަށެވެ. އެގޮތުން އެ މައްސަލަތައް ވަނީ 204 އިން 143އަށް ދަށްވެފައެވެ.

އެގޮތުން ޝިފާން ވިދާޅުވި ގޮތުގައި، އެފަދަ މައްސަލަތައް ރިޕޯޓުކުރާ މިންވަރު މަދުވެފައިވަނީ، ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ހިންގަމުން އަންނަ ލޯކަލް ފްރޮންޓްލައިން ޕޮލިސިންގައި އަލަށް ފެށި މަސައްކަތްތަކުގެ ސަބަބުންނެވެ. އެ މަސައްކަތްތަކުގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ފެންނަ ކަމަށް ޝިފާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!