އީރާނުން ރޭގައި ފޮނުވާލި ވަރުގަދަ މިސައިލް ތަކުގެ ވަރަށް ގިނަ މިސައިލްތައް އިސްރާއީލުގެ އެކިއެކި މިލިޓަރީ އަމާޒު ތަކަށް ވާޞިލް ވީ ކަން ވީޑިއޯ ތަކުން ފެނެެެވެ. ދަޢުވާ ކުރާ ގޮތާއި ޚިލާފަށް އިސްރާއީލުގެ ދިފާޢީ ނިޒާމަކީ ފޫދުއްވާލެވިދާނެ އެއްޗެއްކަން ރޭގައި ސާބިތު ވެއްޖެއެވެ.
ފަލަސްޠީނާއި ލުބުނާންގެ މުސްލިމުންގެ ބޮލަށް ބޮމް އަޅަމުން، އެތައް ހާސް މުސްލިމުން މަރަމުންދާ ޖައްބާރު އިސްރާއީލުގެ މީހުންނަށް ރެއަކީ ބިރުވެރި ރެއެކެވެ. އަދި ފަލަސްޠީނާއި ލުބުނާނާއި އަދި އުންމަތުގެ އެންމެހައި މުސްލިމުންނަށް ކުޑަނަމަވެސް ތަސައްލީ އަކާއި ހިތްހަމަ ޖެހުމެއް ލިބުނު ރެއެކެވެ.
މިއީ ދެ ޝަހާދަތާއި، ޤިބުލަޔާއި، ވުޟޫއާއި ނަމާދުގެ އަހުލުވެރިން އެމީހުންގެ މަތިވެރި ربّ އާއި، ލޮބުވެތި ރަސޫލާއާއި މާތް ދީނަށްޓަކައި އެއްބައިވެ އުންމަތަށް މިކުރިމަތިވެފައިވާ ބޮޑު ކާރިސާ ހަނގުރާމައިގެ މައިދާނުގައި މުޅި އުންމަތުގެ އެންމެން ފަހަތަށް ޖެހި ފިލާތިބި ވަގުތެއްގައި ފަލަސްޠީނާއި ލުބުނާނުގެ ހިތްވަރުގަދަ މުޖާހިދުން ގޮވައިގެން މައިދާނުގެ އެންމެ އިސް ސަފަށް ނިކުމެ މަރާއި ކުރިމަތިލައި ނަޢަރާ ކުރަން ކެރުނު ހަމައެކަނި އިސްލާމީ ގައުމު ކަމުގައިވާ އީރާނީންނަށް ސާބިތު ކަމާއި ނަސްރު ދެއްވުން އެދި ދުޢާކުރަންވީ ވަގުތެވެ.
އީރާނާއި ދެކޮޅަށް އިސްރާއީލާއި އެމެރިކާއާއި ޔޫރަޕް އީރާން ސުންނާފަތި ކޮށްލުމަށް ތެދުވާނެއެވެ. ސަރަޙައްދުގައި ތިބި ޣަދަރުވެރި ސަޢޫދީ، އަމިރާތީ ފަދަ ރަސްކަންތަކުން ސީދާ އަދި ނުސީދާ ގޮތުގައި އިސްރާއީލާއި އެމެރިކާޔަށް ނަސްރު ދޭނެއެވެ. މިފަދަ ނާޒުކު ވަގުތެއްގައި ސުންނީ – ޝިޔަޢީ ތަފާތު ބޮޑުކޮށް، ޝީޢީންގެ ”ޣުލާތުން“ (ނުވަތަ އެމީހުންގެ ތެރެއިން ޙައްދު ފަހަނައަޅާފައިވާ ތަކެތި ގަބޫލު ކުރާ ފިރުގާތަކުގެ) ގެ މައްޗަށް ކުރީގެ ޢިލްމުވެރިން ދެއްވާފައިވާ ބައެއް ފަތުވާތައް އެންމެހައި ޝިޔަޢީންގެ މައްޗަށް ޢާންމުކޮށް ޖަހައި ބަދު ދުޢާ ކުރާނީ ދުނިޔޭގެ އެކޮޅު މިކޮޅު ނުދަންނަ، އިސްލާމީ އުންމަތަށްޓަކައި ރަޙުމެއްނެތް، އަމިއްލަ އެދުމާއި ނިފާގު ގެ ކުލަ ޖެހިފައިވާ މީހުންނެވެ.