ސައުދީގެ އައު ބޮޑު ވަޒީރަށް ރައީސް ޔާމީން ތަހްނިޔާ ކިޔައިފި
ދެންމެ | 28 ސެޕްޓެމްބަރ 2022

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ދަރިކަލުން އަދި ސައުދީ ވަލީ އަހުދުކަމުގެ މަޤާމުގައިވެސް ހުންނެވި މުހައްމަދު ބިން ސަލްމާން އެ ޤައުމުގެ ބޮޑުވަޒީރުގެ މަޤާމަށް އައްޔަންކުރުމާ ގުޅިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕިއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

ވަލީއަހުދު މުހައްމަދު ސައުދީގެ ބޮޑުވަޒީރުކަމަށް އަޔްޔަންކުރުމާ ގުޅިގެން މަރުހަބާ ދަންނަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަންއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކޯލީޝަންގެ ދެޕާޓީގެ ލީޑާރޝިޕާ ސެނެޓު މެމްބަރުންނާ އަދި ޕާޓީތަކުގެ އާންމު މެމްބަރުންގެ އިތުރުން އެ ކޯލީޝަންގެ ލީޑަރު ރައީސް ޔާމީންގެ ނަންފުޅުގައި ވަލީއަހުދު މުހައްމަދުއަށް ތަހުނިޔާއާ މުބާރިކު ބާދު އަރިސް ކުރާ ކަމަށެވެ.

މީގެ އިތުރުން ސައުދީއިން އަބަދުވެސް ރާއްޖޭއާ މެދު ބާއްވަމުން ގެންދާ އިސްލާމީ އަހުވަންތަ ގުޅުމަށް އިޝާރާތްކުރައްވާ އެ ބަޔާނުގައިވަނީ ރާއްޖޭގެ ތަރައްގީއަށް ސައުދީއިން ވެ ދެމުން ގެންދަވާ ބޮޑެތި އެހީތަކަށް ޝުކުރު އަދާކުރައްވާ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސައުދީއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ދެމި އޮންނާނެކަމަށް އުއްމީދުކުރާ ކަމަށް ބަޔާންކޮށްފައެވެ.

ހަަމަ އެހެންމެ ސައުދީއާ ރާއްޖެއާ ދެމެދު އޮތް އިސްލާމީ އަހުވަންތަ ގުޅުމަކީ ބަދަލެއް ނައިސް ދެމި އޮންނާނެ ގުޅުމެއް ކަން ޔަގީން ކުރައްވާ ބަޔާނުގައިވަނީ ރައީސް ޔާމީންގެ ނަންފުޅުގައި ވަލީ އަހުދު މުހައްމަދުއަށް ތަހުނިޔާ އަރިސްކުރައްވާ އަބަދުވެސް ސައުދީއިން ބަހައްޓާ ގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އިއްޔެގެ ވަގުތެއްގައި ސައުދީ ރަސްގެފާނުގެ ހާއްސަ ގަރާރަކުން މުހައްމަދު މި މަޤާމަށް އައްޔަން ކުރައްވާފައިވާއިރު މުހައްމަދުގެ ކޮއްކޮ ހާލިދް ބިން ސަލްމާން ވަނީ ޑިފެންސް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައެވެ. މީގެ އިތުރުން ރަސްގެފާނުގެ އެހެން ދަރިކަލެއް ކަމަށްވާ އަބްދުލް އަޒީޒަށް އެނަރޖީ މިނިސްޓަރުކަން ވަނީ ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!