ދޮށީ އުމުރުގެ މީހުން އަތުން ފޭރުން އިތުރުވެ، ސަމާލުވާން ފުލުހުން އެދެފި
ދެންމެ | 05 އޮކްޓޯބަރ 2024

އުމުރުން ދުވަސްވީ މީހުން އަތުން މަކަރާ ހީލަތުން ފޭރުމުގެ މައްސަލަތައް ގިނަވާތީ އެކަމާ ސަމާލުވުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުންގެ ރަސްމީ ވެބްސައިޓްގައި މިއަދު ޝާއިއުކުރި ލިޔުމެއްގައި ފުލުހުން ބުނީ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގޭ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަމުން އެންމެ ބޮޑަށް ފާހަގަވީ އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، އެ މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް ކަމަށް ފުލުހުން ބުންޏެވެ.

އެފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި އާންމު ރައްޔިތުންނާއި، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ އާއިލާތަކުން ސަމާލުވާން ފުލުހުން އެދިފައިވެ އެވެ.

އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ އެފަދަ ކަމަކަށް ތުހުމަތު ކުރެވިއްޖެނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅުއްވައި ރިޕޯޓް ކުރުމަށްވެސް ފުލުހުން އެދެ އެވެ.

ފޭކް ސްލިޕް ބޭނުންކޮށްގެން ވިޔަފާރި ކުރުމާއި ޑޮލަރު ވިއްކުމުގެ ސްކޭމްތައް އިތުރުވާތީ އެކަމަށް ސަމާލުވާން މީގެ ކުރިންވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.

މިދިޔަ މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފަކު ކަސްޓަމަރުންގެ އެކައުންޓުން ވަގަށް ފައިސާ ނެގި ކަމަށް ސާބިތުވެ އޭނާ އަށް ހުކުމް ކޮށްފައިވެ އެވެ. އަދި މި މައްސަލާގައި ހުކުމް ކޮށްފައިވާ މުވައްޒަފު ފައިސާ ނަގާފައިވާ 13 ކަސްޓަމަރުންނަކީ އުމުރުން ދުވަސްވެފައިވާ މީހުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!