މިފްކޯއިން އުފައްދާ ބާވަތްތަކުގެ ތެރެއިން ލައިފްސްޓައިލް ޕްރޮޑަކްޓްސްގެ ތެރޭގައި ހިމެނޭ ބާވަތްތަށް މި ފެށޭ ހަފްތާގައި ލިބެން ފަށާނެކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުފެއްދުންތައް ސަޕްލައި ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި މި ފެށޭ ހަފްތާގައި އުފެއްދުންތައް އާއްމުންނަށް ލިބެން ފަށާނެކަމަށެވެ.
މިފްކޯއިން އުފައްދަމުންއައި ލައިފްސްޓައިލް ޕްރޮޑަކްޓްސްއަށް އާއްމުންގެ މަގުބޫލުކަން އިންތިހާއަށް ލިބެމުން އައި އިރު މި މަސައްކަތް ހުއްޓާލަންޖެހުނީ އެ މަސައްކަތަށް ކުރިން ބޭނުންކުރަމުން އައި މާލެ އަތޮޅު ކަނޑުއޮތްގިރި އެމްއެންޑީއެފްއާ ހަވާލުކުރުމުގެ ސަބަބުންނެވެ.
ލައިފްސްޓައިލް ޕޮރޮޑަކްޓްސްގެ ގޮތުގައި މިފްކޯއިން އުފައްދާ ބާވަތްތަކުގެ ތެރެއިން މަސްބަތާއި ތަފާތު ވައްތަރުގެ ރިހައަކީ އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ބާވަތްތަކެކެވެ.
ކަނޑުއޮތްގިރީގައި މިފްކޯއިން ކުރި މަސައްކަތް ދެ ހަފްތާގެ މުއްދަތެއްގެ ތެރޭގައި ފެށޭނެ ކަމަށް މިދިޔަ ސެޕްޓެމްބަރުގެ 11 ވަނަ ދުވަހު އެ ކުންފުނިން ވަނީ ބުނެފައެވެ.
ހުޅުމާލެއިން ބިމެއް ލިބި ފެސިލިޓީ ގާއިމްވަންދެން ކަނޑުއޮތްގިރީގައި މިފްކޯއިން ކުރި މަސައްކަތް ފެލިވަރުގައި ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ކުންފުނިން އުފައްދާ ގަނޑުކުރި ރޯމަހުގެ ބާވަތްތައް ބަންދުކޮށް، ލޭބަަލްކުރުމަށްފަހު އެއްވެސް ދަތިކަމެއް ނެތި އާންމުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި 2 ރީފާ ކޮންޓެއިނަރ އެ ކުންފުނީގެ މައި އޮފީހުގައި ބެހެއްޓުމުގެ އަމަލީ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ.
ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި ދިވެހި މަސްވެރިކަމުގެ އުފެއްދުން އިތުރުކުރުމަށް މިފްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. މިބަދަލުގެ ސަބަބުން ރައްޔިތުންގެ ޝަކުވާއަށް ދާއިމީ ހައްލު ލިބިގެންދާނެކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.