އިންޑިޔާ ސިފައިންގެ ދެވަނަ ބެޗް ފޮނުވާލައިފި
ދެންމެ | 13 އޭޕްރިލް 2024

ރާއްޖޭގައިތިބި އިންޑިއާ ސިފައިންގެ ދެވަނަ ޓީމް މިމަހުގެ 9 ވަނަ ދުވަހު އެނބުރި އިންޑިއާއަށް ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭގައި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، ޕީއެންސީ އިން އައްޑޫ ހިތަދޫ ހައި ސްކޫލުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ،  އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފުރަތަމަ ދުވަހުވެސް އެމަނިކުފާނު ފެއްޓެވި ކަމަށާއި އޭގެ ތެރެއިން ކުރެވުނު މަސައްކަތުގެ ތެރެއިން ތިން ބެޗަކަށް އިންޑިއާ ސިފައިން ފައިބާ ގޮތަށް، ދެފަރާތުން އެއްބަސްވެވި ޓައިމް ޓޭބަލެއް ހެދިފައިވާ ކަމަށެވެ.

”އެ މަސައްކަތް ގޮސްފައިވާ ހިސާބަކީ ދެފަރާތުން އެއްބަސްވެވި ޓައިމް ޓޭބަލެއް، ތިން ބެޗަށް، ތިން ޕްލެޓްފޯމްގައި ތިބި ސިފައިން ފައިބާ ގޮތަށް، ފުރަތަމަ ޓީމް ފައިބާފައި، މިހާރު 9 އޭޕްރިލްގައި ދެވަނަ ޕްލެޓްފޯމްގެ ސިފައިން ފައިބާފައި ވަނީ،“

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ.މުޢިއްޒުގެ އެންމެ ބޮޑު އެއް ވައުދަށް ވާއިރު، އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް މޭމަހުގެ 10 ވަނަ ދުވަހުގެ ކުރިން ބާކީ ތިބި އިންޑިއާ ސިފައިން ވެސް ފައިބާނެ ކަމަށެވެ.

ރާއްޖޭގައި ތިން ޕްލެޓްފޯމެއްގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެއިން ފައިބާފައި ވަނީ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު އެވެ. އެދުވަހު އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވަން އައްޑޫ ސިޓީ ގަމުގައި ތިބި 26 ސިފައިން ފޮނުވާލާފައިވާއިރު، އެމީހުންނާއި އެކު އިންޑިއާގެ ހެލިކޮޕްޓަރުވެސް ވަނީ ފޮނުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!