މިދިޔަ ބޮޑު އީދުގައި ބ. ކަމަދޫން ގިނަ ބައެއްގެ ލޯބި ހޯދި ނެށުންތެރިޔާ އާމިނަތު ޒާރާއާ، ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) މިއަދު ކައިވެނި ބައްލަވައިގެންފި އެވެ.
އުމުރުން 55 އަހަރުގެ ސިޔާމް އާއި 23 އަހަރުގެ ޒާރާގެ ކައިވެނީގެ ހަފުލާ މިއަދު ހަވީރު ބޭއްވީ މާލެ އަތޮޅުގައި އޮންނަ ސިޔާމްގެ އޮޅުވެލި ރިސޯޓުގަ އެވެ. އެ ހަފުލާގައި ޒާރާގެ އާއިލާގެ ގިނަ ބަޔަކު ބައިވެރިވި އެވެ.
ރާއްޖޭގައި ފަހުގެ ތާރީހެއްގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު މި ކައިވެނީގެ ރަނަކީ ގެސްޓް ހައުސްއެއް ކަމަށް ބުނެ އަޑު ފެތުރިފައިވީ ނަމަވެސް ”މިހާރު“ އަށް އެނގިފައިވާ ގޮތުގައި އެއީ ހަގީގަތާ ހިލާފު ވާހަކައެކެވެ.
ޒާރާގެ ރަށް، ކަމަދޫގެ ރައްޔިތުންނަށް ހާއްސަ ހަފުލާއެއް ވެސް މި ހަފުތާ ބަންދުގައި ބާއްވަން ވަނީ ނިންމައިފަ އެވެ. ޒާރާ އެންމެ ފަހުން މަސައްކަތް ކުރަމުން އައީ ކަމަދޫ ކައުންސިލްގެ އިދާރާގަ އެވެ.
ސިޔާމް އާއި ޒާރާގެ ކައިވެންޏާ ދިމާކޮށް ކަމަދު އަށް ވަނީ ތިން އަސް ވެސް ގެންގޮސްފަ އެވެ. އެއީ ހުދުކުލައިގެ ދެ އަހާއި މުށިކުލައިގެ އަހެކެވެ.
މޮރޮކޯ މީހަކާ ވެސް ކައިވެނި ބައްލަވައިގެން އުޅުއްވާ ސިޔާމަކީ އަހަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. އޭނާގެ ރިސޯޓަކަށް ވެސް މީގެ ކުރިން ވަނީ އަހެއް ގެނެސްފަ އެވެ.
ސިޔާމް އާއި ޒާރާގެ ރަންކިޔުމުގެ ހަފުލާއަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އެ ހަފުލާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި އިރު، އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޒާރާ ވަނީ ސިޔާމަށް ވަރަށް އަސަރުގަދަ ލަވައެއް ވެސް ކިޔައިދީފަ އެވެ. އެ ލަވަ ހަދާފައި ވަނީ އެ ދެ މީހުންގެ ކައިވެންޏާއި ސިޔާމާ މެދު އޭނާ ދެކޭ ގޮތުގެ މައްޗަށެވެ.
އޮޅުވެލި ރިސޯޓުގައި ބޭއްވި ރަންކިއުމުގެ ހަފުލާގައި ޒާރާ ހުރީ ހުދުކުލައިގެ ދިވެހި ލިބާހެއްގަ އެވެ. ސިޔާމް ހުންނެވީ ހުދު ގަމީހާއި ފޭލީގަ އެވެ. އެ ހަފުލާގައި ދެ ފަރާތުގެ އާއިލާއިން ވެސް ބައިވެރިވި އިރު، އެންމެން ވެސް ތިބީ ދިވެހި ސަގާފީ ހެދުމުގަ އެވެ.