ޗެނަލް 13 އިން ދޮގު ހަދައިފި ކަމަށް ފުލުހުން ބުނެފި
ދެންމެ | 14 އޮކްޓޯބަރ 2024

މާފަންނު ގެއަކުން ޒުވާން އަންހެނަކު ވެއްޓި މަރުވި ހާދިސާއާ ގުޅިގެން ޗެނަލް13 އިން ގެނެސްދިން ޑޮކިއުމެންޓްރީގައިވާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

މާފަންނު ގެއަކުން މަގުމައްޗަށް ވެއްޓި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގު އިބްރާހީމް އަދުނާނު މަރުވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭނާ އަކީ މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ އިބްރާހީމް އަދުނާން އަނީސްގެ ދަރިފުޅެވެ.

ވިފާގު ދިރިއުޅެމުން އައީ އޭނާގެ މަންމަ ޒީނަތު އަބްދުﷲ އާއި ދޮންބައްޕަ ދިރިއުޅޭ ގޭގަ އެވެ. އޭނާގެ ދޮންބައްޕައަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ.

މި މައްސަލައިގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ވިފާގު ބިންމައްޗަށް ވެއްޓުމުން މަގުމައްޗަށް ނުކުތުމަށްފަހު ވިފާގުގެ ފޯނު ހިފައިގެން އަނބުރާ ގެއަށް ވަނީ ކަމަށް ޗެނަލް13ގެ ޑޮކިއުމެންޓްރީގައި ބުނެފައިވާ ބުނުމަކީ ދޮގެއްކަން ސީސީޓީވީ ފްޓޭޖުން ކަށަވަރުވާ ކަމަށެވެ.

ޝިފާއު ވިދާޅުވީ ނާޒިމްގެ ފަރާތުން ވިފާގަށް ޖިންސީ ގޯނާ ލިބެމުންދާ ކަމަށް އެ ޑޮކިއުމެންޓްރީގައި ތުހުމަތުކޮށްފައިވާއިރު، ޖިންސީ ގޯނާކޮށްފައިނުވާކަން ޑޮކްޓަރުން ކަށަވަރުކޮށްދޭ ކަމަށެވެ.

ޝިފާއު ވިދާޅުވީ ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ނަފުސާނީ ބައްޔަށް ފަރުވާ ކުރަމުން އައި މީހެއް ކަމަށާއި އޭރު އޭނާ އަކީ ސްކޫލް ދަރިވަރެއް ކަމަށެވެ.

އޭނާގެ ނަފްސާނީ ބައްޔެއް ހުރިކަން ކަށަވަރުވެ އިނގިރޭސިވިލާތުގައި ކިޔަވަން އުޅުނުއިރު ވެސް ފަރުވާ ހޯދާފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ ވިފާގު އަނބުރާ ރާއްޖެ ގެނައީ މަންމައަށް ވީޑިއޯ ކޯލުކޮށް ދެއްކި މަންޒަރުތަކުން ކަންބޮޑުވެ، މަންމަގެ އެދުމުގެމަތިން ބައްޕަ އަދުނާނު ކަމަށެވެ. އަދި ވިފާގު ރާއްޖެ ގެނައުމުގެ ހަރަދުހަމަޖެއްސީ ދޮންބައްޕަ ނާޒިމް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިފާގު ދިރިއުޅޭގެ ފުލުހުން ބަލައިފާސްކުރިއިރު، އޭނާގެ ކޮޓަރިން ވެސް ނަފުސާނީ ބައްޔަށް ފަރުވާ ހޯދާ ބޭސްތައް ފެނިފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ވިފާގުގެ ބައްޕައާ ތަހުގީގުން ސުވާލުކުރުމުން ވެސް ޖިންސީ ގޯނާގެ އެއްވެސް ވާހަކައެއް ފުލުހުންނާ ހިއްސާކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗެނަލް13 އިން އެ ޑޮކިއުމެންޓްރީ ގެނެސްދިނުމުގެ ކުރިން ފުލުހުންގެ އެއްވެސް ބަހެއް ހޯދާފައިނުވާތީ ހިތާމަކުރާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ޗެނަލް13 އިން އެ ޑޮކިއުމެންޓްރީ ގެނެސްދިން މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބްރޯޑްކާސްޓިން ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި މައްސަލަ ބަލައި ވަކިގޮތެއް އަންގަންދެން އެ ޑޮކިއުމެންޓްރީ ބްރޯޑްކާސްޓް ނުކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ ޗެނަލް13އަށް އަންގާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!