ސިޔާސީ މަގާމުތަކުން 228 މީހަކު ވަކިކުރަން ރައީސް ޑރ. މުއިއްޒު އަންގަވައިފި
ދެންމެ | 15 އޮކްޓޯބަރ 2024

ސިޔާސީ މަގާމުތަކުގައި ތިބި 228 މީހަކު ވަކިކިރަން ރަޢީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ރައީސް މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ބައެއްގެ ގޮތުން، ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، އެކި ސަރުކާރުގެ މިނިސްޓްރީތަކުން 228 ސިޔާސީ މަޤާމުތައް އުވާލުމަށް އަންގާވާފައިވާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ 7 ސްޓޭޓް މިނިސްޓަރުން، 43 ޑެޕިއުޓީ މިނިސްޓަރުން، 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. މި ފިޔަވަޅުގެ ސަބަބުން ސަރުކާރުގެ ބަޖެޓުން 5.71 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވުމާ ގުޅިގެން އިގުތިސާދު ކުރިއެރުވުމަށް ސަރުކާރުން ގެންދަވަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި މާލީ ހާލަތު ރަނގަޅުކުރުމަށްވެސް ސަރުކާރުން ގެންދަވަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ.

އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ވިދާޅުވީ އާ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު ހުންނާނީ 700 އާ ހަމައަށް ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން މިނިސްޓްރީތަކަށް ބޭފުޅުން އައްޔަން ކުރައްވަން ފެއްޓެވުމާއެކު ގިނަ އަދަދުތަކުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރަމުން އައިކަމުގެ ވާހަކަތައް ވެސް ފެތުރުނެވެ.

ނަމަވެސް މިހާތަނަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ޖުމްލަ އަދަދު ރަސްމީކޮށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!