ރުޕޭ ކާޑުގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރުމުގެ ސަބަބުން އިންޑިއާގެ ފަތުރުވެރިންގެ މާކެޓް އިތުރުކުރުމަށް މަގުފަހިވެގެންދާނެކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.ރާއްޖޭގައި ރުޕޭ ކާޑުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިމަހުގެ 7 ވަނަ ދުވަހުއެވެ.ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)އިން ތަޢާރަފުކޮށްފައިވާ ރުޕޭ އަކީ އިންޑިއާގެ ފުރަތަމަ ގްލޯބަލް ކާޑު ޕޭމަންޓް ނެޓްވޯކެވެ. މިއީ މިހާރު ދުނިޔޭގެ 300 މިލިޔަނަށްވުރެ ގިނަ މީހުން ބޭނުންކުރަމުންދާ ޚިދުމަތެކެވެ. ރުޕޭ ކާޑުގެ ޚިދުމަތް ފޯރުކޮށްދޭ ބޭންކެއް މެދުވެރިކޮށް، އެކާޑު ލިބިފައިވާ ކޮންމެ ބަޔަކަށްވެސް ބޭނުންކުރެވޭނެއެވެ.ދުނިޔޭގެ 6 ޤައުމެއްގައި މި ކާޑު ބޭނުންކުރެވެއެވެ. އެއީ، ސިންގަޕޫރު، ޔޫއޭއީ، ބޫޓާން، ނޭޕަލް އަދި މޮރިޝަސްގެ އިތުރުން ދިވެހިރާއްޖެއެވެ. ރާއްޖޭގައި ރުޕޭ ކާޑުގެ ޚިދުމަތް ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. އެގޮތުން އެ ބޭންކުގެ އޭޓީއެމް އަދި ޕީއޯއެސް ކާޑު މެޝިންތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖެއަށް ރުޕޭ ކާޑުގެ ޚިދުމަތް ތަޢާރަފުކުރުމަކީ ރާއްޖޭގެ މާލީ ދާއިރާ މިހާރަށްވުރެ ކުރިއަރުވާ ޒަމާނީ އީވޮލެޓްތަކުގެ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފުކުރުމަށް ކުރާ މަސައްކަތްތަކުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.ރާއްޖޭގައި މި ޚިދުމަތް ތަޢާރަފުވެގެން ދިއުމުން އިންޑިއާއިން ރާއްޖެ އަންނަ ފަރާތްތަކަށް ރާއްޖޭގައި މުދަލާއި ޚިދުމަތުގެ އަގަށް މި ކާޑުން ފައިސާ ދެއްކޭނެކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މީގެ ސަބަބުން އިންޑިއާގެ ފަތުރުވެރިންގެ މާކެޓް އިތުރުކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 1.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، އިންޑިއާ ހިމެނެނީ 6 ވަނަ އަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓްގެ ގޮތުގައެވެ.އެގޮތުން އިންޑިއާއިން އެކަނިވެސް މިއަހަރުގެ މިހާތަނަށް 95،072 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެއީ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ %6.1 އެވެ.