ސަރުކާރުތަކުން މީޑިޔާތަކަށް ޖަހާދެނީ ލަގެރި: މަސްއޫދު
ދެންމެ | 18 ޖުލައި 2022

މީޑިޔާގެ ފަރާތްތަކަށް ހުރިހާ ސަރުކާރުތަކުން ވެސް ޖަހައިދެނީ ލަގެރި ކަމަށް ވިދާޅުވެ ދިޓީވީގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ މަސްދަރު ގާނޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކޮށްފައިވާ މަސްއޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އޭރު އަބުރުގެ ގާނޫނު ކަމަށާއި މިއަދު މަސްދަރު ގާނޫނު ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ބަދަލުވީ އަޑު ކަމަށާއި ހުރިހާ ސަރުކާރަކުން ވެސް ޖަހަނީ ލަގެރި ކަމަށެވެ.

“އޭރު އަބުރުގެ ގާނޫނެވެ. މިއަދު މަސްދަރު ގާނޫނެވެ.
ބަދަލު ވީ އަޑެވެ. ޖަހަނީ ހަމަ ލަގެރި އެވެ.“ މަސްއޫދު ކުރައްވާ ޓުވީޓުގައި ވެއެވެ.

މީޑިޔާތަކުން ގެނެސްދޭ ހަބަރާއި ރިޕޯޓްތަކުގައި ގެނެސްދޭ މައުލޫމާތުތަކުގެ މަސްދަރު ހާމަ ކުރުމަށް މަޖުބޫރުކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލް ރައީސް މިއަދު ވަނީ ތަސްދީގް ކޮށްފަ އެވެ. މި ބިލްތަސްދީގް ކުރުމުން މީޑިޔާގެ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔާފަ އެވެ.

އެމްޖޭއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މީޑިޔާގެ ކަންކަން ރަގަޅު މިސްރާބަށް ގެންދިއުމަށް ސަރުކާރުގެ ނިއަތް ރަގަޅު ނޫން ކަމަށެވެ.

ރައީސް މިބިލް ތަސްދީގް ކޮށްފައި މިވަނީ ބިލް ތަސްދީގް ނުކުރުމަށް އެތައް ނޫސްވެރިންނެއް ޕެޓިޝަނެއް ވެސް ހުށަހަޅާފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!