ދެ ފުޅި ކޮފީގެ ވެރިފަރާތް ފުލުހުން ހޯދަން ފަށައިފި
ދެންމެ | 30 ޖޫން 2022

ވަގަށް ނަގާފައިވާކަމަށް ބެލެވޭ 2 ކޮފީ ފުޅިއާއި އެހެނިހެން ބައެއް ތަކެތީގެ ވެރި ފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންކަމަށެވެ. މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށް ފުލުހުން ބުނެފައިވެއެވެ.

މިގޮތުން ޖޫން 25 ވަނަ ދުވަހު ބުރުޒުމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ފުޅި ކޮފީ ފުލުހުންގެ ބެލުމުގައި ދަށުގައި އެބައޮތްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކޮށް، ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވާން ފުލުހުން ވަނީ އެދިފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް އެހެން ތަކެތީގެ ތެރޭގައި ޖޫން 24 ވަނަ ދުވަހު ސޯސަންމަގުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 1500 ރުފިޔާ، ޖޫން 26 ވަނަ ދުވަހު އެމްޓީސީސީ ޓަވަރު ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 2600 ރުފިޔާ ހިމެނެއެވެ. މީގެއިތުރުން ޖޫން 26 ވަނަ ދުވަހު ނީލަން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ލަކުޑި ފަތިތަކަކާއި ޖޫން 27 ވަނަ ދުވަހު ޔާގޫތު ގޯޅިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!