އދ ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް ”ރުކުން“ ހަމަ ބޭފުޅެއް ކަމަށާ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އޮތް ”އާސްކު ސްޕީކާ“ ޕްރަގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު މި މޭރުމުން ވާހަކަ ދެއްކެވީ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތްތޯ އަދި ކާމިޔާބު ނުކުރެއްވިއްޖެނަމަ ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނެތޯ އާންމުންގެ މީހަކު ސުވާލު ކުރުމުންނެވެ.
ނިމިގެންދިޔަ 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިނިސްޓަރު ޝާހިދު ފާޅު ކުރެއްވި ކަމަށާ ނަމަވެސް އެ ފަހަރުގެ އިންތިހާބުގައި ނިކުންނަވަން އެންމެ ރަނގަޅު ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޝާހިދު އަރިހުގައި ވިދާޅުވެފައި ވާނެ ކަމަށް ނަޝީދު މިރޭ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެއްވުން މަޑުޖައްސަވާ ލެއްވުމަށް ޝާހިދުގެ އަރިހުގައި އެދިވަޑައިގެންނެވި ނަމަވެސް ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް ”ރުކުން“ ހަމަ ބޭފުޅެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީން ތިންވަނަ ބޭފުޅަކަށްވެސް ފުރުސަތު ދިނުމާމެދުވެސް ވިސްނެވުން ރަނގަޅު ކަމަށެވެ. އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދު ނޫން ބޭފުޅަކަށް ފުރުސަތު ދިނުން ކަމަށް ބެލެވެއެވެ.