ފަތިސްނަމާދާއި އިޝާނަމާދާއި ދެނަމާދު ޖަމާޢަތުގައި ކޮށްފިމީހާ މުޅި ރޭގަނޑު އެއްކޮށް ނަމާދު ކުރިފަދައޭ ޙަދީޘްފުޅުގައި އައިސްފައިވަނީ. ކަނޑައެޅިގެން މުނާފިޤަކު ނޫނީ ފަތިސްނަމާދާއި ޢިޝާ ނާމާދާއި މެދު ފަރުވާކުޑަކޮށް ނުލާނެކަމަށްވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޙަދީޘްފުޅުގައި އައިސްފައިވޭ، އެ ދެނަމާދުން ލިބޭ ޘަވާބުގެ ބޮޑުކަން މީސްތަކުންނަށް އެނގޭނަމަ ފިރުކިފައިވެސް އެ ދެ ނަމާދަށް ޙާޒިރުވާނެކަމަށް ޙަދީޘްފުޅުގައި އައިސްފައިވޭ. ވީމާ، އަޅުގަނޑުމެންގެ ދުވަސް އެއީ ވަރަށް ބާއްޖަވެރި، ވަރަށް އުފާވެރި، ވަރަށް ހިތްހަމަޖެހޭ ދުވަހަކަށް ވާނެ ފަތިސްނަމާދު ބަރާބަރަށް ކުރާކަމުގައި ވާނަމަ.
ނަމާދު އަޅާމީހުން، ޢީލްމުވެރިން ވިދާޅުވަނީ ނަމާދު އަޅަންފެށުމުގެ އެންމެ ފުރަތަމަ ކަމަކީ ފަތިސް ނަމާދާއިމެދު ފަރުވާކުޑަކޮށްލުމެވެ. ފަތިސްނަމާދާއިމެދު ފަރުވާކުޑަކޮށްލަން އާދަކޮށްފި މީހާ ދެން އެހެން ނަމާދުތައް މުހިއްމު ކަމަކަށް ނުދެކޭނެ. އެއާ ޚިލާފާށް ފަތިސްނަމާދުކުރަން ބަރާބަރަށް އާދަވެއްޖެ މީހާ އިންޝާﷲ އެންމެ ނަމާދެއްވެސް އޭނާގެ ޙަޔާތުން އޭނާ ދޫކޮށެއް ނުލާނެ. އަރާމު ނިދި ދޫކޮށްލާފަ ފަތިސްނަމާދަށް ތެދުވާ މީހަކު ކީއްވެތޯ އެހެން ނަމާދުތަކާއިމެދު އޭނާ ފަރުވާ ކުޑަކޮށްލާނީ؟
ވީމާ، އަޅުގަނޑުގެ ނަސޭޙަތަކީ އަޅުގަނޑުމެންގެ ޙަޔާތުން އަންނަ ދުވަސް ބާއްޖަވެރިކުރަން އަޅުގަނޑުމެން އެދޭކަމުގައިވާނަމަ ފަތިސް ނަމާދަށް ރައްކާތެރި ވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ ޞަޙާބީންނަކީ ވަރަށް އިރާކޮޅު އަވަހާރަފުޅު ލައްޕަވާ، ދަމު ނަމާދަށާއި ފަތިސް ނަމާދަށް ތެދުވެ ވަޑައިގެންނެވި ބޭބެކަލުން. މާތް ﷲ ފަތިސް ނަމާދަށް ރައްކާތެރިވުމުގެ ހެޔޮ ތަޢުފީޤް އަޅުގަނޑުމެންނަށް ދެއްވާށި.
– ޝައިޚް އަހްމަދު ސަމީރުގެ ދަރުސަކުން