މި ފާއިތުވި ހަފްތާގެ އަންގާރަ ދުވަހު ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ނޫސްވެރިންނަށް ދެއްވި ޕްރެޒެންޓޭޝަންއަށް ފަހު ނޫސްވެރިއަކު ވަރަށް ސާފު ސީދާ ސުވާލެއް އަމީރާއި ކުރިމަތި ކުރިއެވެ. ނޫސްވެރިޔާގެ ސުވާލަކަށްވީ މާލީ ވަޒީރަކަށް އަމީރު ހުންނެވިއިރު ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ އިތުރަށް ޗާޕްކުރެވުނީތީ އެކަމާ ހިތާމަކުރައްވާތޯއެވެ. އަމީރު އެސުވާލަށް ވަރަށް މޮޅަށް ޖަވާބު ދެއްވިއެވެ. ”އަޅުގަނޑު ފިނޭންސް މިނިސްޓަރަކަށް ހުރެ ކުރެވުނު ކަންތައްތަކާއި މެދު ފަޚްރުވެރިވޭ“ އަމީރު ވިދާޅުވިއެވެ.
ޖަވާބު ވަރަށް ސީދާ ސާދާކޮށް ދެއްވިއެވެ. ޤައުމަށް މިއަދު ދިމާވެފައިވާ އިޤްތިސާދީ ހާލަތަކީ ރޭ ނިދާފައި ފަތިހު ހޭލެވުނުއިރު ދިމާވެގެން އުޅޭ ހާލަތެއް ނޫނެވެ. މިއީ ދިގު ޒަމާންތަކެއް ވަންދެން މި ހާލަތަށް ދާނެކަން އެނގިތިބެ ކުރީގެ އެކި ސަރުކާރުތަކުން އަމަލުތައް ބެހެއްޓިގޮތުން ދިމާވެގެން އުޅޭ ހާލަތެކެވެ. މިކަމުގެ ޒިންމާ ރާއްޖޭގައި މިފަހުން ވެރިކަން ކުރި ހުރިހާ ވެރިން ނަންގަވަންޖެހެއެވެ. އެ ޒިންމާއިން ފެޔަށްޖެހި މިއީ މިހާރުގެ ސަރުކާރުން އުފެއްދި ހާލަތެއް ކަމަށް ހަދަން އުޅުނަސް އެކަމެއް ނުވާނެއެވެ. ހަގީގަތަކީ މިސަރުކާރު މި އުފުލަނީ ކުރީގެ އެތައް ސަރުކާރެއްގެ މާލީ ބުރައެވެ. ސާފުކުރަން މިޖެހެނީ ކުރީގެ ވެރިން ހޭވި ހަޑިއެވެ. އެހެން ނަމަވެސް އެހެން މާލީ ވަޒީރުންނާއި ކުރީގެ މާލީ ވަޒީރު އަމީރު ތަފާތުވާ އެއްކަމެއް އެބައޮތެވެ. އެއީ ފާޅުގައި އިގްތިސާދަށް ލިބުނު ގެއްލުމަށް ފަޚުރުވެރިވާ ކަމަށް ވިދާޅުވުމެވެ. މިއީ އަގަލުކުޑަކަމުގެ އިންތިހާއެވެ. އޭގެ ތަފްސީލަށް ޖެހިލާމާ ހިނގާށެވެ.
އަމީރު ނޫސްވެރިންނާއި ބައްދަލުކޮށް އަޑަށް ބާރުލާފައި ދެއްކި އެއް ވާހަކައަކީ މި ސަރުކާރުން ޓެކްސް ބޮޑުކުރާ ވާހަކައެވެ. އެކަމާއި ކަނޑައެޅިގެން ދެކޮޅު ވާހަކައެވެ. އަމީރު ހަނދުމަފުޅުން ނެތްކަމަކީ ނުވަތަ އޮލުންނުފުލި ކަމަކީ މި ސަރުކާރުން ޖީއެސްޓީއަށް ބަދަލުގެނެސްފައި ނުވާކަމެވެ. އަދި އެރަޕޯޓް ޓެކްސް ބޮޑު ކުރިކަމުގައި ވިޔަސް އިކޮނޮމީ ކުލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ފީ ބޮޑެއް ނުކުރެއެވެ. އިގްތިސާދީ ހާލަތު މިހާ ނާޒުކުކޮށް އޮތްއިރުވެސް ދިވެހިންނަށް އިތުރު ބުރައެއް ނުވާނޭ ގޮތަށް ބަދަލުތައް ގެންއުމަށް މިސަރުކާރުން އިސްކަންދޭކަން އެކުމުންވެސް ދޭހަވެއެވެ. ނަމަވެސް ހުދު އަމީރުގެ ވަޒީރުކަމުގައި ޖީއެސްޓީ އިންސައްތަ އިން 8 އިންސައްތައަށް ބަދަލުކޮށް ތަކެތީގެ އަގު އުފުލިގެން ދިޔުމުން އަމީރު އެކަމާ ކަންބޮޑެއް ނުވެއެވެ. ނުވިތާކަށް ވަނީ ފަޚުރުވެރިއެވެ. ޓިޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތައަށް ބަދަލުކުރިކަމަކީ ފަތުރުވެރިކަމަށް ގެއްލުންވާނޭ ކަމެއް ނޫނެވެ. އެކަމުން ކުރާނޭ އެއްވެސް އަސަރެއް ނެތެވެ. އެކަމާއި މެދުވެސް އަމީރު އިންތިހާއަށް ފަޚުރުވެރިވެއެވެ. އެކަމަކު މިސަރުކާރުން 16 އިންސައްތައިގައި ހުރި ޓިޖީއެސްޓީ 17 އިންސައްތަ އަށް ބަދަލުކުރަން ނިންމުމުން އަމީރުގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު ހާލަކުވެގެން ގޮސްދާނެކަމަށެވެ. ކަންކަން މިހުންނަށް އޮޅުވާލުމުގައި ވެސް ހައްދެއް އޮންނަން ވާނެއެވެ. އޭރު އަމީރު ޓެކުހަށް ބަދަލުގެންނަވަން ނިންމެވި ސަބަބެއް ކަމަށް ވިދާޅުވީ ބޭރުގެ މާލީ އިދާރާތަކުން ރާއްޖޭގެ ޓިޖީއެސްޓީ އިންސައްތަ ހުރީ މިފަދަ އެހެން ގައުމުތަކާއި ބަލާއިރު ދަށްކޮށްކަމަށް އެ އިދާރާތަކުން ލަފާދިނުމުންނެވެ. އަމީރު ފާހަގަކުރެއްވި ގޮތުގައި އާއްމުކޮށް މިފަދަ ގައުމުތަކުގައި ޓީޖީއެސްޓީ ރޭޓް ހުންނަނީ 18 އިންސައަތައިގައެވެ. މިސަރުކާރުން ޓިޖީއެސްޓީއަށް މިގެނައީ އަމީރު އެފާހަގަކުރިގޮތަށް ބޭރުގެ މާލީ އިދާރާތަކުންވެސް ލަފާ ދިފާއިވާ ގޮތަށް 1 އިންސައްތައިގެ ބޮޑުކުރުމެކެވެ.
މިސަރުކާރުން އެއްވެސް މަޝްރޫޢެއް ނުހިންގާ ކަމަށާއި ޚަރަދުކުރި ގޮތް ނޭގެ ކަމަށް އަމީރު ވިދާޅުވިއެވެ. މި ސަރުކާރަށް 1 އަހަރުވާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ހަގިގަތަކީ އެމްޑީޕީ މެޖޯރިޓީއޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައި އޮތީ މިސަރުކާރުގެ ވައުދުތަކާއި ތަސައްވަރު ފުއްދައިދެވޭނެ ބަޖެޓެއް ނޫނެވެ. އެބަޖެޓުގެ ބޮޑުބައި އޮތީ އަމީރުގެ ސަރުކާރުން ހިނގާފައި ހުރި މަޝްރޫޢުތަކާއި އުފެއްދި ދަރަނިތަކަށް ފައިސާ ހަމަޖެއްސުމުގައެވެ. ލޯނުތައްވެސް ނަގާފައިހުރީ އެންމެ ކުރު މުއްދަތުގެ ލޯނުތަކެވެ. އެކަމުން އެގެނީ އެސަރުކާރުގެ ނާގާބިލުކަމެވެ. އެހުރިހާ ދަރަންޏެއް ވާރުތަމިވީ މި ސަރުކާރަށެވެ. ދިވެހި ހުރިހާ ރައްޔިތުންނަށް އެކަން ސާފުކޮށް ނޭގުނަސް އަމީރަށް އެކަން އެނގޭނެއެވެ. އެހެންކަމުން މިއަދު އެދައްކާ ވާހަކައަކީ ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވާލަންދައްކާ ވާހަކަތަކެވެ.
އެމްޑީޕީ ސަރުކާރުގައި ދަރަނީ ނެގި މިންވަރު
ފާއިތުވި އެމްޑީޕީ ސަރުކާރުގައި ދަރަނީ އުފައްދާފައި އޮތީ އިންތިހާއަށް ރެކޯޑް މިންވަރަކަށެވެ. އެހެން ނަމަވެސް ހަގީގަތަށް ބަލައިފިނަމަ އެ ދަރަންޏާއި އެއްވަރުގެ އެއްވެސް މަޝްރޫޢެއް މި ދިޔަ ސަރުކާރަކަށް ނުހިންގެއެވެ. މި ދިޔަ ސަރުކާރުން ހިންގި އެންމެ ބޮޑު މަޝްރޫޢަކީ އެކި ނަންނަމުގައި އެކިފަރާތްތަކަށް ބަދަލު ދިނުމެވެ. ތާފާސް ހިސާބުތަކަށް ބަލާއިރު 2018 އިން 2013 ދައުލަތުގެ ސީދާ ދަރަނި 60 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި ސޮވްރިން ގެރެންޓީ ދީފައި ހުރި އަދަދު 20 ބިލިއަން އަރައެވެ. އެހެންކަމުން ޖުމްލަ 80 ބިލިއަން ރުފިޔާގެ ދަރަނި އެ ސަރުކާރުން އުފެއްދިއެވެ. އަމީރު ފަޚުރުވެރި ނުވާންވީ ހަމަ އެއްވެސް ސަބަބެއް ނެއްތާއެވެ. ދަރަންޏަށް މިވަރުގެ ބޮޑު ކުރިއެރުމެއް ގެނައުމަކީ ހަމަ ހަޤީގަތުގައިވެސް ފަހުރުވެރިވުން ހައްޤުކަމެކެވެ. ދެން އޮތީ ފައިސާ ޗާޕުކުރުމުގެ ވާހަކައެވެ. ފައިސާ ޗާޕުކުރަން އޭރުގެ ސަރުކާރުން ނިންމުމާއިއެކު އެކަމަށް އެންމެ ބޮޑަށް އިންކާރުކުރި އެކަކީ އެމްޑީޕީ ސަރުކާރުން އެމްއޭމްއޭގެ ގަވަރުނަރުކަމަށް އައްޔަންކުރި އަލީ ހާޝިމެވެ. ގަވަރުނަރު އަލީ ޙާޝިމު މަޖީލީހަށް ދިން ލަފައިންވެސް އެކަން ވަރަށް ސާފެވެ. އެހެން ނަމަވެސް މަޖީލީހުގެ އަޤުލަބިއްޔަތު އޮތިމައި އެފައިސާ ޗާޕުކުރީއެވެ. އެއީވެސް އަމީރު އިންތިހާއަށް ފަޚުރުވެރިވާ ކަމެކެވެ.
މާލިއްޔަތު ގާނޫނާއި ޚިލާފު ސަޕްލިމެންޓަރީ ބަޖެޓު
އެމްޑީޕީ ސަރުކާރުން ފާއިތުވި އަހަރުތަކުގައި ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހަށް ހުށަހަޅާފައިވެއެވެ. އެކަމުގައި ވަރަށް ޝައުޤުވެރި ބަހުސްތަކެއްވެސް ކުރިއަށް ގެންދިޔައެވެ. އެންމެ ޝައުޤުވެރި އެއް ވާހަކައެއް ވިދާޅުވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސްކަންވެސް ކުރިން ކުރެއްވި ރައީސް މުޙައްމަދު ނަޝީދެވެ. ރައީސް ނަޝީދު އަމީރު މަޖިލީހަށް ހުށަހެޅުއްވި ސަޕްލިމެންޓަރީ ބަޖެޓް ސިފަކުރެއްވީ ވައްކަމުގެ ރަސީދެއްގެ ގޮތުގައެވެ. ތެދެކެވެ. އެކަން ހިންގީ އެގޮތަށެވެ. އެ ސަޕްލިމެންޓަރި ބެޖެޓް ކަނޑައެޅިގެން ގާނޫނު އަސާސީގެ 96 މާއްދާއާއި ޚިލާފެވެ. ނަމަވެސް އަދުގެ ސަރުކާރުން ގާނޫނުގައި އޮންނަ ގޮތަށް ސަޕްލިމެންޓަރީ ބެޖެޓެއް ހުށަހެޅުމުން އެކަން އަމީރަށް ހަޖަމެއް ނުވިއެވެ. އަމީރު ގާނޫނާއި ހިލާފަށް ކުރުންވެސް އެންމެ ރަނގަޅެވެ. އެހެން ބަޔަކަށް އެކަމެއް ކުރެވިގެނެއް ނުވާނެއެވެ.
އަމީރުގެ މާލީ ވަޒީރުކަމުގައި ކޮވިޑްގެ ދުވަސްވަރު ކިތަންމެ ކޮރަޕްޝަނެއް ހިންގާފައި އެބަހުއްޓެވެ. ރައްޔިތުންގެ ފައިސާއަށް ހިޔާންތްތެރިވި ކަމުގެ ތުހުމަތު އޭނާއަށް ކުރެވެއެވެ. މި ތުހުމަތުކުރަނީ މި ސަރުކާރުކުންނެއް ނޫނެވެ. އޭރު މިތުހުމަތު އެންމެ ބޮޑަށް ކުރީ އެމްޑީޕީގެ ފިކުރުގެ މީހުންނެވެ.
މިއަދު މޭގައި އަތްޖައްސާވާލާފައި އަމީރުގެ ވަޒީރުކަމުގައި ކުރެވުނު ކަންތައްތަކާއިމެދު ކިތަންމެ ފަޚުރުވެރިވާ ވާހަކަ ވިދާޅުވިޔަސް ރައްޔިތުން އެކަންކަމާއިމެދު ހިތާމަކުރެއެވެ. އޭގެ އެންމެ ބޮޑު އަސްލަކީ 2023 ވަނަ އަހަރު ޙުދު އަމިރުވެސް ނިސްބަތްވި ސަރުކާރު، ދިވެހިރައްޔިތުން ނިކުމެ ބަދަލުކުރި ކުރުމެވެ. ހިތާމައަކީ އަމީރަށް އަދިވެސް އެކަން ނުވިސްނޭކަމެވެ.