ދައުލަތުގެ ބާރުތަކަށް ނުފޫޒު ފޯރުވުމަކީ ކުރިކަމެއް ނޫން އަދި ކުރާނެކަމެއްވެސް ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އިލެކްޝަންސް ކޮމިޝަންސް (އީސީ) ގެ ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސްއަށް ދޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ހުށައެޅުމުން ސަރުކާރަށް ފާޑިކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މި ފާޑުކިޔުންތަކަށް ރައްދުދެއްވާ ރައީސް ޑރ. މުިއއްޒު ވިދާޅުވީ ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު މިއަދާ ހަމަޔަށްވެސް ކުރެއްވި ކަމެއްނޫންކަމަށާއި ކުރިޔަށް އޮތް ތާނގައިވެސް ކުރައްވާނެކަަމެއް ނޫންކަމަށެވެ. އެހެންނަމަވެސް މުއައްސަސާތަކުގެ ހިންގު ހަރުދަނާކޮށް މަސައްކަތް އަވަސްކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ވަކި މީހެއް ބެލުމެއްނެތި ކުރައްވާނެކަމަށް ރަައިސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
“ އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަން.“ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.
އިލެކްޝަންސް ކޮމިޝަނާއި އެންޓީ ކޮރަޕްޝަން ކޮމިޝަންގެ ގާނޫނު މިހާރު ބުނާ ގޮތުން އެ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރާ ކޮމިޝަންގެ ޖަލްސާގައި މެމްބަރުގެ ތެރޭގައި ނަގާ ވޯޓަކުން ހޮވޭ މެމްބަރެކެވެ.
ސަރުކާރުން އިލެކްޝަަންސް ކޮމިޝަނާއި އެންޓިކޮރަޕްޝަން ގާނޫނަށް އިސްލާހު ހުށައެޅި ދެ ބިލްގައިވާ ގޮތުންވެސް އެ ކޮމިޝަންތަކުގެ ރައީސްއާއި ނައިބު ރައީސް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު ކޮމިޝަން މެމްބަރުންގެ ތެރެއިން މެމްބަރެއްގެ ނަން ރައީސް މަޖިލިހަށް ފޮނުވަންޖެހެއެވެ. އަދި އެ މަގާމަށް އައްޔަންކުރާނީ ރައީސް ފޮނުވާ ނަން މަޖިލީހުން ފާސްކުރުމުންކަމަށް އެ އިސްލާހުގައިވެއެވެ.
ސަރުކާރުން ބުނީ މި އިސްލާހުތައް ހުށައެޅީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުުން ހަރުދަނާކުރުމަށް ކަމަށެވެ.