ތާޖު މަހަލްގައި އެތައް ގިނަ ކޮޓަރިއެއް ހުރިއިރު އޭގެ ތެރެއިން ގިނަ ކޮޓަރިތަކަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ތަޅުލައި ބަންދު ކުރެވިފައިވާ ކޮޓަރިތަކެކެވެ.
އެގޮތުން ތަޅުލެވިފައިވާ 22 ކޮޓަރިއެއް ހުރި އިރު އެ ކޮޓަރިތަކުގައި ހިންދޫން އަޅުކަންކުރާ ”ޝިވް“ގެ ބުދެއް ހުރި ކަމަށް އިންޑިއާގެ ހިންދޫ ދީނުގެ ފާދިރީންނާއި ހިންދޫ ދީން ފަތުރައި އެދީން ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކުން އަބަދު ވެސް ބުނަމުންދެ އެވެ.
އެ މީހުން އިތުރަށް ބުނާ ގޮތުގައި ތާޖް މަހަލްގެ އަސްލު ނަމަކީ ތޭޖޫ މެހެލް އެވެ. މިއީ ހިންދޫ ރަސްކަލެއް އޭނާގެ ބައިވެރިޔާއަށް ހަދައިދިން އިމާރާތެއް ކަމަށް ބުނާއިރު މުގަލް އެމްޕަރަރުން އިންޑިއާގެ ރަސްކަމަށް އިސްވެ އެތަނުގެ އަސްލު އޮޅުވައިލީ ކަމަށް އެމީހުން ގަބޫލުކުރެ އެވެ.
އެހެން ކަމުން ތާޖްމަހަލް އަކީ ހަގީގަތުގައި ހިންދޫންނަށް ނިސްބަތްވާ އެދީނުގެ ރަމްޒެއް ކަމަށާއި އެތަނުގެ އެތެރޭގައިވާ ސިއްރުތައް ހޯދަން ޖެހޭ ކަމަށް އެމީހުން ދައުވާ ކުރެ އެވެ.
އެގޮތުން އިންޑިއާގެ ވެރިކަންކުރާ ބާރަތު ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މެމްބަރަކު ވަނީ ތާޖު މަހަލްގެ ތަޅުލެވިފައިވާ ކޮޓަރިތައް ހުޅުވަން އެދި ކޯޓަށް ހުށައަޅާފަ އެވެ. ނަމަވެސް އަހްމަދުއާބާދުގެ އެކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.
ތަޅުލެވިފައިވާ ތާޖް މަހަލްގެ ކޮޓަރިތައް ހުުޅުވުމަކީ އެތަނުގެ ތާރީހީ މުއްސަނދިކަަމަށް ލިބިގެންދާނެ އުނިކަމެއް ކަމުގައި އެކޯޓުން ބުނެފައިވެ އެވެ.
ތާޖު މަހަލްއަކީ އިންޑިއާގެ ރަސްކަލެއް ކަމަށްވާ ޝާހް ޖަހާން އޭނާގެ އަންހެނުން މުމްތާޒްގެ ހަނދާނުގައި އިމާރާތްކުރި ގަނޑުވަރެއްކަން އިންޑިއާގެ ތާރީހުން އެނގެ އެވެ.