ތައުލީމެއް ނެތް ޖާހިލް ޓިނު އަދުރޭ އާއިއެކު ޕީޕީއެމް އޮޔާ ގޮސްފި
ދެންމެ | 24 އޭޕްރިލް 2023

ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބަކީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީތަކުގެ ފެންވަރާއި ޕާޓީތަކަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ދައްކާލުމަށް ވަކަރަށް ޖަހާލުމަށް ލިބުނު ފުރަސަތެކެވެ. މިހާތަނަށް މިދާއިރާއަކީ ޕީޕީއެމް އިން ކޮންޓްރޯލް ކުރަމުން އައި ދާއިރާއެކެވެ.

ދާއިރާގެ ކޮންޓްރޯލް ނެގުމަށްޓަކައި ޕީޕީއެމް އިން ދެއްކީ ކުރީގެ މެމްބަރު މަރުޙުމް ރިޒާގެ ކޮއްކޮއެވެ. ހަމްދަރުދީގެ ވޯޓާއެކު ގޮނޑި ކާމިޔާބު ކުރުމުގެ ފޮމިއުލާއަކީ ގިނަ ފަހަރަށް ކާމިޔާބު ކުރެވޭ ފޯމިއުލާއަކަށް ވިޔަސް މިފަހަރު އެ ފޯމިއުލާ ޕީޕީއެމް އަށް ފަހިވާ ގޮތަށް މަސައްކަތެއް ނުކުރިއެވެ.

މުހިއްމު ސުވާލަކަށްވަނީ ގޮނޑި ކާމިޔާބު ނުކުރެވުމެއް ނޫނެވެ. ޕީޕީއެމް ކޮންޓްރޯލް ކުރަމުން އަންނަ ދާއިރާއެއް ބީވާން ދިމާވީ ކީއްވެގެންތޯ އުފެދޭ ސުވާލެވެ.

މުހިއްމު ގޮޑިއެއްގެ އިލެކްޝަނަކަށް ކުރިމަތިލައިގެން ގޮނޑި ހޯދުމަށް މަސައްކަތް ކުރާއިރު ޕީޕީ އެމްގެ ލީޑަރޝިޕުގެ ދައުރެއް ނުފެނެ އެވެ. ލީޑަރު ހާލަތަށް ރިޢާޔަތްކޮށް މަސައްކަތަށް ނުކުމެވޭގޮތް ނުވިނަމަވެސް، ޕާޓީގެ ލީޑަޝިޕުން މި ގޮނޑި ކާމިޔާބު ކުރުމަށް އޮއްދާހިއްލާ ވަރަށް މަސައްކަތް ކުރިތަނެއް ނުފެނެ އެވެ. އަސްލު ލީޑަރުގެ ދަށުން ޕާޓީގެ އަމާޒަށް ވާސިލްވުމަށް ޕްލޭނެއް އޮވެގެން މަސައްކަތްކުރާނެ ލީޑަރެއް ނުފެނެ އެވެ.

ލީޑަޝިޕްގައި ތަޖްރިބާ އާއި، ބަސްމޮށުންތެރިކަމާއި ޖަޒްބާތު އުފެއްދުމުގެ ތަޖްރިބާ ހުރި ކަމުގެ ވައްޓަފާޅި އާއި، އާޖުފާޖު ދަންނަ ތަޖްރިބާ ކާރު މީހުން ޕާޓީގެ ކުރީސަފުގައި ނަން ހުސްކޮށް އެބަތިއްބެވެ. އެހެން ނަމަވެސް ޕާޓީގައި ލީޑަރެއް ނެތުމުގެ އުނިކަން ނިމިގެން މިދިޔަ އިންތިހާބުން ފާހަގަ ކުރެވެވެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލާއިރު ޕާޓީގެ ވިސްނުމާ ފިކުރު އަދި ކަންކަން ކުރިއަށް ގެންދާނެ ގޮތް އާއްމު މެމްބަރުންނަށް އޮޅުންފިލަންޖެހެ އެވެ. ޕާޓީއަކަށް ނިސްބަތްވެގެން މެމްބަރުން ޕާޓިއެއްގައި ތިބެނީ ކުރިމަގަށް ކުރާ އުއްމީދުތަކާއި ދެކެން ބޭނުންވާ ހުވަފެންތަކެއް ހުރީމައެވެ.

މިވަގުތު ޕީޕީއެމް ފެންނަނީ އޮޔާދާ ލަކުޑިގަނޑެއް ފަދައިންނެވެ. އޭގައި އެލިގަނެގެން ބަޔަކު ތިބި ކަމުގައި ވިޔަސް މިސްރާބުކޮށް ވަކިދިމާޔަކަށް ގެންދިއުމަށް ވިސްނައި އެކަމަށް މަސައްކަތް ކުރާނެ ލީޑަރެއް ނެތެވެ. ޕާޓީގެ މެމްބަރު ހޮވި އިންތިޚާބީ ލީޑަރަށް މަސައްކަތް ނުކުރެވޭ ހާލަތުގައި ދެންތިބި ބަޔަކު އެ ލީޑަޝިޕް ނަގައިގެން ޕާޓީއަށް ކާމިޔާބު ހޯދައިދޭން ޖެހެއެވެ. އެމަންޒަރެއް ޕީޕީއެމްގެ ލީޑަޝިޕްކުން މިއަދަކު ނުފެނުނެވެ.

ހަމައެއާއެކު، ޕާޓީ ގޮވައިގެން ދަތުރުކުރާނެ މާލިމީއެއް ލީޑަރުގެ ފަރާތުންވެސް ޕާޓީއަށް ދައްކަންޖެހޭ ހާލަތަށް ޕީޕީއެމްގެ ހާލަތު މިއަދު ގޮސްފައިވާކަމަށް ބުނެވިދާނެ އެވެ. އެހެންނޫން ނަމަ ގޮޑިއަކަށް ފަހު ގޮޑިއެއް ގެއްލި، ކޮށިދަނޑު ގެއްލި ކަތިވަޅި އާއި މަރިޔަނބު ވެސް ގެއްލި ދާނެ އެވެ. މިއަދުގެ މި ނަތީޖާއަކީ، ލީޑަރަށާއި ލީޑަރޝިޕަށް ލިބުނު އިންޒާރެކެވެ. ޕާޓީގެ މެމްބަރުން ސަމާލުވުމަށް ޖެހުނު ރަނގަބީލެކެވެ.

ޕާޓީގެ ކުރިމަތީގައި އޮތީ ރިޔާސީ އިންތިޚާބެވެ. ޕާޓީގެ ލީޑަޝިޕް ހުސްކޮށް ބާއްވައިގެން ލީޑަރު ދޫކޮށްލާތޯ ބަލަން ތިބޭނީ ހެއްޔެވެ. ކިހާދުވަހަކަށް ހެއްޔެވެ. ނޫނީ މިހާރު ވެސް އޮތް އޮށްޓަރު ހުރި ލިޑަޝިޕްގެ ޓީމު އެއްމޭޒަކުން އެކައްޗެއް ކިޔާ އެއް އަމާޒަކަށް މިސްރާބު ހިފޭނެ އުކުޅެއް ނެރެން އެބަޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!