ހަމައެކަނި ޖަންގިޔާ ލައިގެން ބޮޑީ ބިލްޑިންގް މުބާރާތް ރާއްޖޭގައި ބާއްވަން ތައްޔާރު ވެއްޖެ
ދެންމެ | 31 އޮކްޓޯބަރ 2024

މިސް ޔުނިވާސްގައި ދިވެހިރާއްޖެ ތަމްސީލު ކުރުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފައިވަނިކޮށް ބައިނަލްއަގުވާމީ ބޮޑީ ބިލްޑިންގް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖޭގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

15 ވަނަ ބޮޑީ ބިލްޑިންގް މުބާރާތް ބާއްވަނީ އަންނަ ނޮވެމްބަރު މަހުގެ 05 ވަނަ ދުވަހުން އެމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީ ކެނަރީފް ރިސޯޓުގަ އެވެ. މި ހަރަކާތުގެ ޕާޓްނަރުންގެ ގޮތުގައި ސްޕޯޓްސް މިނިސްޓްރީއާއި ރާއްޖޭގެ އޮލިމްޕިކްސްއިން ހަރަކާތްތެރިވާނެ އެވެ.

މިސް ޔުނިވާސްގައި 21 އަހަރުގެ ދިވެހި އަންހެނަކު ބައިވެރިވާ މައްސަލައިގައި ޔޫތު މިނިސްޓްރީން އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ ދިވެހިންގެ ސަގާފަތާއި އާދަކާދައާއި ހިލާފު އުފެދޭ އެއްވެސް ހަރަކާތެއްގައި ދިވެހި ސަރުކާރުން އެއްބާރުލުން ނުދޭނެ ކަމަށެވެ. މިކަމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް އެކްސްގައި ޕޯސްޓު ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ގައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް ކަމަށެވެ.

މިމައްސަލަ ހޫނުވެ ފިރިހެނުންގެ ވަނާތައް ފާޅުވާ ގޮތަށް މިސްޓަ މޯލްޑިވްސް މުބާރާތާއި ބައިނަލްއަގުވާމީ މިފަދަ މުބާރާތްތައް ސަރުކާރުން އެންޑޯޒް ކުރާ މައްސަލައިގައި ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ. މިކަމާއި ގުޅިގެން ސްޕޯޓްސް މިނިސްޓްރީން މިހާތަނަށް އެއްވެސް ބަހެއް ބުނެފައި ނުވާއިރު ބޮޑީ ބިލްޑިންގް މުބާރާތާއި ގުޅިގެން ސަރުކާރުގެ އެއްވެސް އިދާރާއަކުން ބަހެއް ނުބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!