ޑޮލަރު ހުސްވިޔަސް ރުފިޔާ ޗާޕް ކުރުމުން ރާއްޖެ ބަނގުރޫޓެއް ނުވާނެ: އަމީރު
ދެންމެ | 21 ނޮވެމްބަރ 2022

ދިވެހިރާއްޖެ ބަނގުރޫޓުވަމުން ދާކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ދަނީ، ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި، އެފަރާތްތަކުން އެފަދަ ވާހަކަތައް ދައްކަމުން ދަނީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވެފައި މިވަނީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ، ރާއްޖެ ބަނގުރޫޓު ވިޔަ ނުދިނުމަށްޓަކައި ރާއްޖޭގެ މާލިއްޔާ ހުރި ނެތްގޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސާފުކުރައްވަން ޖެހޭނެ ކަމަށެވެ. އަދި، އެ މައުލޫމާތު ރައްޔިތުންނަށް އެނގޭނޭހެން އާންމުކުރުން ވަރަށް މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

”އަޅުގަނޑުމެން އެ މަގަށް (ބަނގުރޫޓުވަމުން) ދާއިރު މި ރިޔާސަތުގައި އަޅުގަނޑު އިނދެއްޖެ ނަމަ އަޅުގަނޑު ދަންނަވާނީ އެއީ އަޅުގަނޑަށް ވެސް ވަރަށް ބޮޑު ލަދުވެތިކަމަކަށޭ ވެގެން ދާނީ،“ އެމަނިކުފާނު ވިދާޅުވި އެވެ.

މިވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު އަމީރު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއްނޫން ކަމަށާއި، އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކުވެސް, ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ، މާތްالله ގެ އިރާދަފުޅާއެކު, ކޮވިޑް-19 އިންވެސް އަރައިގަނެ, އެންމެ އަވަހަށް ކުރިއަރަމުންދާ އިޤްތިސާދުތަކުގައި ރާއްޖެ ހިމެނޭ ކަމަށާއި، 2020 ވަނައަހަރު ކޮވިޑާއެކު ކުރިމަތިލީ, މިއަދު މިތިބި ހާލަތަށްވުރެ މާ ދަތި, ގޮންޖެހުންތައް ބޮޑު ހާލަތަކާ އެކު ކަމަށެވެ.

”ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މާލިމީކަމުގައި އެދަތިންވެސް އަޅުގަނޑުމެން އަރައިގަތިން. އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން މިދަނީ ދަތިތަކާއި ގޮންޖެހުންތައް މިހާރުވެސް ހުރިވާހަކަ. ފޮރުވާކަށް ނޫޅޭ. ހުރިހާ ތަފާސް ހިސާބުތަކެއް އެހުރީ ހާމައަށް ފެންނަން. ދަތިތަކާއި ގޮންޖެހުންތަކާއިއެކުވެސް, ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އަޅުގަނޑުމެން މިދަނީ އެ ގޮންޖެހުންތައް ގިރާކުރަމުން. ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާއެކު ދިމާވަމުންދާ ގޮންޖެހުންތައް މެނޭޖްކުރުަމަށްޓަކައި ސަރުކާރުން މިދަނީ ފިޔަވަޅުތައް އަޅަމުން.“ އަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މި ދަނޑިވަޅުގައި އިގުތިސާދާއިމެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަގާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ, ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރިކަމެއް ކަމަށާއި، މާތްالله ގެ އިރާދަފުޅާއެކު, ރާއްޖޭގެ އިގުތިސާދީ ކުރިމަގު އޮތީ ފަހިކޮށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!