ފްލޯޓިން ސިޓީ މަސްރޫއަށް ހުރަސް އެޅީ ފައްޔާޒަށް ތަނެއް ދޮރެއް ނޭނގޭތީ: ރައީސް ނަސީދު
ދެންމެ | 01 ޖުލައި 2022

ނެދަލެންޑްސް ކުންފުންޏެއްކަމަށްވާ ޑަޗްޑޮކްލެންޑްސްއިން ދިވެހި ރާއްޖޭގައި ބިނާ ކުރުމަށް މަސައްކަތްކުރާ ފްލޯޓިން ސިޓީ މަޝްރޫޢުއަށް އިކޮނޮމިކް ކައުންސިލުން ހުރަސް އެޅީ، ސޯޝަލް ހައުސިންގްގެ ކޮމްޕޯނެންޓް ހިމަނައިގެން ކުރިއަށްދާނެ ގޮތުގެ މައުލޫމާތު އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލަށް އިންގިފައިނުވާތީ ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

“އާސްކް ސްޕީކަރ” ޕްރޮގްރާމްގައި ފްލޯޓިން ސިޓީ މަޝްރޫއާއި މެދު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ފްލޯޓިން ސިޓީ މަޝްރޫއުގެ ތެރެއަށް ސޯޝަލް ހައުސިންގް ކޮމްޕޯނެންޓެއް ހިމެނުމަށް އެމަނިކުފާން އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންނަމަވެސް. އެހެން ފަރާތަކަށް ކުށްޔަށް ދޫކޮށްފައިވާތަނެއް އެފަރާތުގެ އަތުން ކުއްޔަށް ނެގުމުން، މޯގޭޖް ހޯދުން އުނދަގޫވެގެންދާކަމަށް ބުނެ، އިކޮނޮމިކް ކައުންސިލުންވަނީ، އެ މަޝްރޫޢޫއަށް ހުރަށްތަކެއް އަޅައިފައިކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނަށް ފެނިވަޑައިގަންނަ ގޮތުން، އިގްތިސޯދީ ވަޒީރު ފައްޔާޒަށް އެފަދަ އެއްބަސްވުމެއް އެކުލަވާލެވިފައިވާގޮތް އެނގިވަޑައިނުގަތުމުން ކަމަށެވެ. އަދި ބައެއް ފަހަރު، ކަމަކާއި ބެހޭ މައުލޫމާތު ފުރިހަމައަށް އިންގިފައިނުވާނަމަ، އެކަމާއި ދިމާލަށް ބަލާ ނަޒަރިއްޔާތު ގޯސްވާކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކުރިން އެ މަޝްރޫޢުއަށް ހުރަސްތަކެއް އެޅިފައިވީނަމަވެސް، މިހާރު މިނިސްޓަރު މައުސޫމުގެ އިލްމީ އިރުޝާދުތަކާއިއެކު، އެ ކޮންޓްރެކްޓުވަނީ އެކުލަވާލައިފައިކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ފްލޯޓިން ސިޓީ މަޝްރޫއު ކުރިއަށް ނުގޮސްއޮތީ އިގްތިސޯދީ ވަޒީރަށް އެކަމުގެ ތެރޭގައި ހިމެނޭ ސޯޝަލް ހައުސިންގް ކޮމްޕޯނެންޓް އެކުލަވާލެވިފައިވާ ގޮތާއިމެދު މައުލޫމާތު ސާފްވެފައި ނުވާތީކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއިރު، ކުރިން އެމަނިކުފާނުވަނީ ފްލޯޓިން ސިޓީ ސަރުކާރުން ހުއްޓުވާފައިވަނީ، އެމަނިކުފާނުގެ ނަން އެ މަޝްރޫޢުގައި ހިމެނޭތީކަމަށް ވިދާޅުވެ ތުހުމަތުތަކެއް ކުރައްވާފައެވެ.

ރައީސް ނަޝީދު ކުރެއްވި ތުހުމަތުތައް އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލް ވަނީ ދޮގު ކުރައްވާފައިއެވެ. ފައްޔާޒު ވިދާޅުވީ، އެ މަޝްރޫޢުގެ ތެރޭގައި ބޮޑެތި އޮޅުވާލުންތަކެއް ވާކަަމަށެެވެ. އެގޮތުން، ފްލޯޓިން ސިޓީ ތަރައްގީ ކުރުމަށް ހަވާލު ކުރެވިފައިވާ ފަސް ފަޅުގެ ތެރެއިން ތިން ފަޅެއްވަނީ އެހެން ފަރާތްތަކައް ވިއްކާލާފައިކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ފްލޯޓިން ސިޓީއެއް ބިނާ ކުރުމުގެ ފުރަތަމަ އެއްބަސްވުން ގާއިމު ކުރެވުނީ 2010ވަނަ އަހަރު، ރައީސް ނަޝީދުގެ ވެރިކަމުގައެވެ. 2010 ވަނަ އަހަރު ފުލޯޓިން ސިޓީއެއް އެޅުމަށް އެއްބަސް ވެވިފައިވަނީ، ޑަޗް ޑޮކްލޭންޑް ކުންފުޏާއެކު ކަމަށްވާއިރު، މަސައްކަތްތައް ކުރިއަށް ނުގޮސް އޮތުމަށް ފަހު، ހަމަ އެ ކުންފުޏާއެކު މި އެއްބަސްވުމުގައި އަލުން ސޮއި ކުރެވުނީ 2019 ވަނަ އަހަރު މެއި މަހުގެ ތެރޭގައެވެ. އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއްގައި ތަރައްގީކުރާނެކަމަށް ބުނެފައިވާ، މި ފްލޯޓިންގ ސިޓީގައި، 5،000 ގޯއްޗާއި، ސްކޫލެއްގެ އިތުރުން ހޮސްޕިޓަލަކާއި މޯލް އަދި އޮފީސްތައް ވެސް އިމާރާތް ކުރާނެކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!