ރައީސް މުއިއްޒު ގެންގުޅުއްވާ، މީސްތަކުންގެ ޕްރެޝާ ބޮޑުވީމަ މަތިޖެހުމުގެ އުސޫލު ރަނގަޅު ނޫންކަމަށް ދީނީ އިލްމުވެރިޔާ ޑރ އިޔާޒު ވިދާޅުވެއްޖެ އެވެ.
އިޔާޒު މިހެން ވިދާޅުވީ ރާއްޖޭގެ ޒުވާނަކު މިސް ޔުނިވާސްގައި ބައިވެރިވުމާއި ގުޅިގެން ދީނީ އިލްމުވެރިންނާއި އާއްމުންގެ ފާޑުކިޔުން އަމާޒުވުމުން ރައީސް މުހައްމަދު މުއިއްޒު ރޭގެ ވަގުތެއްގައި ކުރެއްވި އެކްސް ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
”ތިޔަ ނަސޭހަތް ވަރަށްވެސް ރަގަޅެވެ. ނަމަވެސް، ބަޔަކު މީހުން އެޔާއި ޚިލާފަށް ޢަމަލުކުރަމުން ދިޔައިރު އެކަން އަތުން މަނާކުރުމުގެ ބާރު މާތް الله މަނިކުފާނަށް ދެއްވާފައިވާވީއިރު, އެކަމަށް އެއްވެސް ފިޔަވަޅެއް އެޅުއްވުމެއްނެތި، މީސްތަކުންގެ ޕްރެޝާ ބޮޑުވީމާ މަތިޖެހުމުގެ އުޞޫލުން ކަމެއްކުރެއްވީމާ ރަގަޅެއް ނޫން“. އިޔާޒު ވިދާޅުވި އެވެ.
ރައީސް ރޭ ވިދާޅުވެފައިވަނީ ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ގައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް ކަމަށެވެ.
މިކަމާއި ގުޅިގެން މިއަދު އެކަން މަނާކޮށް ހުއްޓުވުމަށް ރައީސްގެ އަތްޕުޅުގައި މަދުވަނީ ކޮންބާރެއްތޯ އިޔާޒު ވަނީ ސުވާލު އުފައްދާވާފަ އެވެ.
”ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ މާތް الله ވަނީ މަނިކުފާނަށް ދެއްވާފައެވެ. ނަމަވެސް، މިބާރުތަކުގެ ބޭނުން ހިއްޕަވައިގެން اللهގެ ދީނަށް ނަޞްރުދެއްވުމުގެ ބަދަލުގައި ކުޑަމިނުން އިސްރާއީލުގެ ޕާސްޕޯޓުގަޑުވެސް މަނާކުރެއްވުނީކީ ނޫނެވެ. ދެން މަނިކުފާނުގެ ޕާޓީން އެކަން އަވަސްކުރާށޭ ބުނެ ބަޔާނެއް ނެރުއްވީމާ، މަނިކުފާނުގެ ޒިންމާ އަދާކުރެއްވުނީ ކަމަށް ހީނުކުރައްވާށެވެ. ޤިޔާމަތްދުވަހު މަނިކުފާނާއި ސުވާލު ކުރެވޭނެކަން ހަނދާނުގައި ބަހައްޓަވާށެވެ.“ އިޔާޒު ވިދާޅުވި އެވެ.
މި ބަހުސް ފެށިފައިވަނީ މީގެ ދެ ދުވަހެއް ކުރިން ރާއްޖެއިން ފުރަތަމަ ފަހަރަށް މިސް ޔުނިވާސްގައި ޒުވާން އަންހެން ކުއްޖަކު ބައިވެރިވި ހަބަރާއެކު އެވެ. މިކަމުގެ ސަބަބުން ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަން ފެށުމުން އިއްޔެ ޔޫތު މިނިސްޓްރީން ވަނީ މިސް ޔުނިވާސްގައި ބައިވެރިވުން ކުށްވެރިކޮށް އެކަން ހުއްޓާލަން ގޮވާލާ ބަޔާނެއްވެސް ނެރެފަ އެވެ.