ފުވައްމުލަކުގައި ޓީޓީ ސެންޓަރެއް ގާއިމް ކޮށްފި.
ދެންމެ | 05 ޖޫން 2022

ފުވައްމުލަކުގައި ކުރިއަށްދާ ޓޭބަލް ޓެނިސް (ޓީޓީ) ސެންޓަރުގެ މަސައްކަތް ނިންމައި ހުޅުވަން ތައްޔާރުވެއްޖެއެވެ.

މިއީ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށެއްގައި ގާއިމުކުރި ފުރަތަމަ ޓީޓީ ސެންޓަރެވެ. މި ސެންޓަރުގެ މަސައްކަތް ނިންމިފައިވާކަން ހާމަކޮށް ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފް ވިދާޅުވީ، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބިދޭސީ ކޯޗަކާއެކު އެ ޓީޓީ ސެންޓަރުގައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމަތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެ ޕްރޮގްރާމުގައި ފުވައްމުލަކުގެ ވީހާވެސް ގިނަ ކުދިން ބައިވެރިވާނެ ކަމަށް އުންމީދުކުރާކަމަށެވެ.

މިކަމާ ގުޅިގެން ރާއްޖެ އެމްވީއާ ވާހަކަދައްކަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިހާރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވާނެކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބިދޭސީ ކޯޗު ހުންނާނީ ފުވައްމުލަކުގައި ކަމަށެވެ. އަދި ވީހާވެސް ގިނަ ކުދިންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ކުރިއަށް ގެންދާނެކަމުގައެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތަށް ޤައުމީ ޓީޓީ ޓީމު ފުވައްމުލަކަށް ދާނެ ކަމުގައެވެ.

މުޅި ރާއްޖެއަށް ޓީޓީ ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޕްރޮގްރާމްތައް ފަށަން މަސައްކަތްކުރަމުންދާކަމަށް ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް