އަމިއްލަ ނަފުސަށް އިތުބާރުކޮށް، އަމިއްލަ ސިކުނޑިން ވިސްނައިގެން ހޯދި ނަތީޖާގެ ފޮނިމީރުކަން، އަމިއްލަ ނަފުސަށާއި، އާއިލާއަށާއި ގައުމަށް ހޯދައިދިނުމުގެ ވަރުގަދަ އަޒުމުގައި ކުރިއަށް ދިއުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން އިލްތިމާސްކުރެއްވީ، ދަރުބާރުގޭގައި މިއަދު ހެނދުނު ކުރިއަށް ދިޔަ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި، ދަސްވެނިންނަށް މިއަދު ލިބުނު ކާމިޔާބަކީ އެތައް ދުވަހެއްގެ މަސައްކަތާއި ގުރުބާނީކަން ފާހަގަކުރައްވައި، އެއީ އެކަމަކަށް މަސައްކަތްކުރާ އަޅުންނަށް މާތް ﷲ ތަނަވަސްކޮށްދެއްވާ ރަޙުމަތެއްކަން ހަނދާންކޮށްދެއްވި އެވެ. އަދި މި ނަތީޖާއާއެކު އަމިއްލަ ދިރިއުޅުން އާރާސްތުކޮށް، ގައުމަށް ކޮށްދެވެން އޮތް ކަމެއްގައި ކުރިއަރާ ދިއުމުގެ އަޒުމު ވަރުގަދަ ކުރުމަށްވެސް އެމަނިކުފާނު ހިތްވަރުދެއްވި އެވެ.
”ތިމަންނައަކީ ދިވެއްސަކަށްވީތީ މި ދިވެހި ގައުމަށް އުފަންވި، ނޭވާލާ ދިވެއްސެއްގެ ފަރާތުން ފެންނަންޖެހޭ ހުރިހާ ކަމެއް ގައުމަށްޓަކައި ފެންނާނެ މީހެއް ކަމުގައި އަޒުމް ކަނޑައަޅަންޖެހޭ. އެއީ ކީއްވެތޯ؟ އެއީ، އަޅުގަނޑުމެންނަށް ލޯމަރާނުލެވެނެ ހަގީގަތެއް ކަމުގައި މިއަދުގެ މި ދުނިޔެ އޮތީތީ. އަޅުގަނޑުމެންނަކަށް ލޯމަރައެއްނުލެވޭނެ އަޅުގަނޑުމެންގެ މި ބަވަނަވެފައިވާ މި ދުނިޔޭގައި ކަންތައްތައް މި ވަމުންދާގޮތުން. ހަމައެކަނި ތިމަންނަގެ އަނބިދަރިންނަށް، އާއިލާއަށް އެކަނި ވިސްނައިގެން މިވަގުތަކު ނެތް ކުރިޔަށް ދެވޭކަށް.“ އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ޤައުމެއް ކުރިއަރާ ދާނީ މައިގަނޑު 2 ގޮތަކުން ކަމަށާއި، އެއީ ފިކުރީ ގޮތުންނާއި ފެންނަން ހުންނަ ކަންކަމުން ހޯދައިގަންނަ ކުރިއެރުމުގެ ތެރެއިންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ މި ރޮނގުން މިއަދު ރާއްޖެ ހޯދަމުންދާ ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، ރައްޔިތުން ގެދޮރުވެރިކުރުވުމަށް، ބޯހިޔާވަހިކަމުގެ ދާއިރާގައި އެކަނިވެސް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް އިއުލާންކޮށް، އެކަމުގެ މަސައްކަތްތައް ކުރިއަށްދާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މި މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އިގުތިސާދު ފުޅާކޮށް، މަތީ ތައުލީމުގެ ބަހާ އިތުރަށް ތަނަވަސް ކުރަމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ޔުނިވާސިޓީގެ ތަމްރީނު ރިޒޯޓް ތަރައްގީ ކުރުމާއި، ފަންނުވެރި އިގުތިސާދެއް ފުޅާކުރުމާއި، އަދި ގޮންޖެހުންތަކާއި އެކުގައިވެސް ޒުވާނުންނަށް ކުރިއެރުން ކަށަވަރުކޮށްދިނުމަށް ދައުލަތުގެ ފެންވަރުގައި، އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވި އެވެ.
ތިން ސަތޭކައަށްވުރެ ގިނަ ދަރިވަރުން ގްރެޖުއޭޓްވި ހަފުލާގައި ރައީސް ވަނީ، ސިވިލް އިންޖީނިއަރިންގެ ދާއިރާއިން އެ މަނިކުފާނު ޕީއެޗްޑީ ހާސިލްކުރައްވަން އުޅުއްވި ދުވަސްވަރުގެ ތަޖުރިބާ ހިއްސާކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް އިނގިރޭސިވިލާތުގައި ހޭދަކުރެއްވި އަށް އަހަރު އެކި ތަޖުރިބާތަކާ ކުރިމަތިވެވަޑައިގަތް ކަމަށެވެ. އެއީ ވަރަށް ދަތި ދުވަސްވަރަކަށް ވިއަސް ކާމިޔާބު ހާސިލްވީ ނުގުޑާ އަޒުމާއި އެތައް ބައެއްގެ އެހީގައިކަން ފާހަގަކުރެއްވި އެވެ.
”ވަރަށް ދަތި ދުވަސްތައް. އެހެން ނަމަވެސް ނަތީޖާ އަޅުގަނޑަށް މުހިއްމީ. ހާސިލްކުރަން ދިޔައީ ނަތީޖާ. އިރާދަކުރެއްވީތީ، އެ ނަތީޖާ ތިޔަ ބޭފުޅުން ވެސް ތިޔަ ހާސިލުކުރީ.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ، ގައުމީ ވިސްނުމުގައި ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ. އަދި މުހިންމީ އަމިއްލަ ސިކުނޑިން ވިސްނައިގެން ވަމުންދާ ގޮތް ދެނެގަތުން ކަމަށާއި، އެ މޭރުމުން ކަންކުރުމުން، ހަގީގަތް ސާފުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ވަރުގަދަ އަޒުމަކާއި ހިންމަތާއެކު އެ މީހަކު ދާން ބޭނުންވާ ހިސާބަށް ދިއުމަށް މަސައްކަތްކުރުން ނަތީޖާ ރަނގަޅުވާނޭ ކަމަށެވެ. އެ ނަތީޖާގެ މައްޗަށް އެ މީހާ އިތުރު ހިތްވަރަކާ އެކީގައި ދެން އޮތް ހަރުފަތަކަށް ދިއުމަށް މަސައްކަތް ކުރަންޖެހޭނެކަން ފާހަގަކުރެއްވި އެވެ.