ސަރުކާރު ދަރައި ބޯހިކެން ނެތުމަކީ މައްސަލައެއް ނޫން: މިނިސްޓަރ ފައްޔާޒު
ދެންމެ | 26 ސެޕްޓެމްބަރ 2022

ފައްޔާޒު މިފަދައިން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުން 2.1 ބިލިއަން ރުފިޔާ ދަރަންޏަށް ނަގައިގެން ހދ.ހަނިމާދޫ އެއާޕޯޓު އިތުރަށް ފުޅާކުރުމަށް ހިންގާ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ރޭ ބޭއްވި ހަފުލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެކު ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރުމުގެ ކޮންޓްރެކްޓުގައި ސޮއިކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވެފައިވަނީ އެފަދަ މަޝްރޫޢުތަކާ ގުޅިގެން ޅަދަރިންގެ ބޮލުގައި ދަރަނި އަޅުވާ ވާހަކަ ބައެއް ފަރާތްތަކުން ދައްކާ ކަމަށެވެ.

އަދި ޅަދަރިންގެ ބޮލުގައި ދަރަނި އަޅުވައިގެން ކުރަންޖެހޭ ކަންކަން ނުކޮށް ދޫކޮށްލައިފިނަމަ ނަތީޖާއަކަށްވާނީ އެ ކުދިން މާލޭގެ ގެއެއްގައި ގުލާންކުރަންޖެހުން ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. އަދި މިހާރު ދަރަނި ނަގައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫޢުތަކުގެ ސަބަބުން އެ ސަރަހައްދުތަކުގައި ތިބި ޅަ ދަރިންނަށް އެ ބައެއްގެ އަމިއްލަ ވަތަނުގައި އުފާވެރި ދިރިއުޅުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”އެހެންވީމާ މިއަދު އަޅުގަނޑުމެން މިކަން ކޮށްގެން ކުރިއަށް އޮތް ޖީލުތަކުގައި، ދިވެހިރާއްޖޭގެ ކަންކޮޅުގައި އެކިއެކި ސަރަހައްދުގައި ތިބި އަޅުގަނޑުމެންގެ ޅަ ދަރިންނަށް، އެ ބައެއްގެ އަމިއްލަ ވަތަނުގައި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް މި ހެދެނީ މި ދަރަނި ނަގައިގެން،“ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވާއިރު މި ސަރުކާރުގެ ވެރިންނަކީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ދަރަނި ނެގުމުން އެކަމަށް ފާޑުވިދާޅުވީ ބޭފުޅުންނެވެ. އެގޮތުން އުފަންނުވާ ކުދިންގެ ބޮލުގައި އަޅުވާފައިވާ ދަރަންޏާއި އާބާދީގެ ކޮންމެ މީހެއްގެ ބޮލަށް ޖެހޭ ދަރަނީގެ ހިސާބުތައް ވިދާޅުވުމަކީ އެއިރު އެ ބޭފުޅުން އާންމުކޮށް ކުރެއްވި ކަމެކެވެ.

ފައްޔާޒު ދަރަނި ނެގުން ދިފާއުކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންފައިވަނީ ރައްޔިތުން ކައިރިން ނާއްސަވައި އެއްވެސް މިންވަރަކަށް ދަރަނި ނުނަންގަވާނެ ކަމަށެވެ.

މި ސަރުކާރުގެ ވެރިކަމުގައި ރާއްޖެއިން ނަގާފައިވާ ދަރަނީގެ އަދަދު 100 ބިލިއަން ރުފިޔާއަށްވުރެ މައްޗަށްވަނީ އަރާފައެވެ. އަދި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 100 އިންސައްތައަށްވުރެ މައްޗަށް ދައުލަތުގެ ދަރަނިވަނީ ގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!