ނުހައްގު މުއްސަނދިކަން ހޯދުން ހުއްޓުވަން ގާނޫނޫލްއުގޫތަށް އިސްލާހު ގެންނަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމަކީ ދައުލަތުގެ ތެރޭގައި އޮތްވ ޒަމާންވީ ކޮރަޕްޝަންގެ މައްސަލަ ހައްލުކުރެވޭނެ އަދި އެ ނިޔަތާއި އަޒުމް ފެންނަ އިސްލާހެއް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހު ގެންނަން ނިންމެވިކަން ރައީސް ހާމަކުރެއްވި އިއްޔެ ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ. އޭގައި އެ މަނިކުފާނު ވިދާޅުވީ މިއީ ރައީސާއި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭ ގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުން ދާ ނުވަތަ ހޯދާފައިވާ ނުޙައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެން ދާނެ ކަމެއް ކަމަށެވެ.
ރައީސްގެ އެ ވާހަކަތަކާ ގުޅުވައި އިިހުސާން ވިދާޅުވީ މިހާރު އޮތް ޤާނޫނުގައި އެ މާއްދާ ލިޔެފައި އޮތީ އެ ވާހަކަ ގަދައަށް ދައްކާފައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރެވޭ ގޮތަށް ކަމަށެވެ.
”އަދި ދައުވާކޮށްފިއްޔާ ސާބިތު ނުވާ ގޮތަށް. އަދި ކަންކުރުމުގެ ނިޔަތް ނެތި ލިޔެފައި އޮތް މާއްދާއެއް ގޮތަށް،“ އޭނަ ވިދާޅުވި އެވެ. ”ރައީސް ޑރ. މުއިއްޒު މިގެންނަވަން ނިންމެވި އިސްލާހަކީ ދައުލަތްތެރޭ އޮތް ޒަމާންވީ ކޮރަޕްޝަންގެ މައްސަލަ ހައްލުކުރެވޭނެ އަދި އެނިޔަތާއި އަޒުމް ފެންނަ އިސްލާހެއް.“