ކައުންސިލްތަކުގެ ބަޖެޓް ކުޑަކުރީ ރައްޔިތުން ނިކަމެތި ކުރަން: ޝާހިދު
ދެންމެ | 02 ނޮވެމްބަރ 2024

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ކައުންސިލްތަކަށް ދޭ ފައިސާ މަދުކޮށްފައިވާތީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޝާހިދު ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލްތަކަށް ޤާނޫނުން ދޭން ކަނޑައަޅާފައިވާ، ކައުންސިލް ހިންގުމަށް ބޭނުންވާ ބަޖެޓުން ބޮޑުބައެއް އުނިކޮށް، ބަޖެޓް ހަދާފައިވުމީ، ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހުއްޓުވައި، ރައްޔިތުން ނިކަމެތި ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ އިތުރު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

”ކައުންސިލްތަކަށް ލިބިދޭ ބަޖެޓުގެ ނިސްބަތް މަދުކޮށް، އެފައިސާ އެހެންކަންކަމަށް ޚަރަދުކުރުމުގެ ޤާނޫނީ ބާރެއް ސަރުކާރަށް ލިބިގެން ނުވޭ،“ ޝާހިދު ވިދާޅުވި އެވެ.

އަންނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހެޅި އިރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. މި ހިނގާ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ”ބްލޮކް ގްރާންޓް“ ނުވަތަ ހިލޭ އެހީ ކަނޑައަޅައި އެންމެ ފުރަތަމަ ފައިސާ ދޫކުރަން ފެށީ 2020 ވަނަ އަހަރުގެ ބަޖެޓާ އެކު އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!