ގާނޫނުގައި ބުނާ މިންވަރަށް ކައުންސިލްތަކަށް ފައިސާ ލިބޭނެ: ރައީސް
ދެންމެ | 02 ނޮވެމްބަރ 2024

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ދޭން ކަނޑައެޅި ފައިސާ މަދުކޮށް، ގާނޫނުން ދޭން ލާޒިމް ކުރާ މިންވަރަށް ވެސް ފައިސާ ހިމަނާފައި ނެތަސް ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކުރާއިރު އެ އަދަދަށް ބަޖެޓު އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ.

ގާނޫނުގައި ބަޖެޓުގެ 5 ޕަސެންޓް ދިނުމަށް ބުނާ އިރު، އެއީ ގާތްގަނޑަކަށް 2.8 ބިލިއަން ރުފިޔާއަށް ވާން ޖެހޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޕެޓް ކެއާ ފެސިލިޓީ ހުޅުވުމަށް ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ ވައުދު ފުއްދާ ސަރުކާރެއް ކަމަށާއި ސަރުކާރުގެ އަމަލާއި ބަހާ ދިމާވާނެ ކަމަށެވެ. އަދި މި ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރުމުގައި އަބަދުވެސް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

”ބްލޮކް ގްރާންޓުގެ ފަސް ޕަސެންޓު އެއީ ގާނޫނުގައި އޮތް ގޮތް، އެ ގާނޫނު އޮތް ގޮތަށް ހުރިހާ ކައުންސިލަކަށް މިފަހަރު ބަޖެޓު ފާސްވާއިރުގައި ވެސް ފަސް ޕަސެންޓް ލިބޭނެ. އޭގެ އިތުރަށް މި ދެންނެވި ލޯކަލް ޓޫރިޒަމްގެ ތެރެއިން ވަކި އިންސައްތައެއް ހަވާލުކުރަން އަޅުގަނޑުމެން ގާނޫނު އިސްލާހު ކުރަން ފޮނުވާނަން ކުރިއަށް އޮތް ދުވަސްތަކުގައި،“ ރައީސް ވިދާޅުވި އެވެ.

މީގެއިތުރުންވެސް ގާނޫނުގަ ލިޔެވިފަ އޮތަސް ލޯކަލް ކައުންސިލްތަކާ ހަވާލުނުކުރެވި ހުރި ގިނަ ކަންތައްތަކެއް ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭ އިއުލާނުކުރައްވާ އެކަންކަން ކައުންސިލްތަކާ ހަވާލުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ތަފުސީލަކަށް ވަޑައެއް ނުގައްނަވަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!