އަމިއްލައަށް ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ޚިދުމަތް ލިބޭނެ: ސަރުކާރު
ދެންމެ | 03 ނޮވެމްބަރ 2024

އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ޚިދުމަތް ލިބޭނެކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

އެންސްޕާއިން މިފަދައިން ބުނީ، އާސަންދަ ރިފޯމްގެ މަސައްކަތްތަކުގެ ތެރެއިން ”އައުޓް-ޕޭޝަންޓް“ ގެ ހިދުމަތްތަކަށް ބިލް ކުރުމަށް ޕްރައިވެޓް އިންޝުއަރެންސް އަށް އިސްކަންދިނުމަށް ގެނައި ބަދަލާއި ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތުތަކެއް ދައުރުވަމުންދާތީ އެކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

މިގޮތުން އެންސްޕާއިން ބުނީ، އެއްވެސް ފަރާތަކަށް ޕްރައިވެޓް އިންޝުއަރެންސްގެ ކަވަރޭޖް ނުވަތަ ހިދުމަތް ނުލިބޭ ހާލަތެއްގައި އެ ފަރާތްތަކަށް އާސަންދަ ސްކީމުން މިހާރުވެސް ހިދުމަތް ލިބެމުންދާގޮތަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެކަމަށެވެ.

ހަމައެއާއިއެކު، އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ޕޭމެންޓް ހުއްޓާލުމުގެ ސަބަބުންކަމުގައިވިޔަސް، އަމިއްލަ އިންޝުއަރެންސް ޕޮލިސީން ކަވަރޭޖްނުލިބި، އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދައިގެ ކަވަރޭޖް ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެކަމަށް އެންސްޕާއިން މައުލޫމާތުދެއެވެ.

މިފަދަ ދަނޑިވަޅެއްގައި އެކި ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަމާއި ކަންބޮޑުވުންފާޅުކޮށް، އެންސްޕާއިން ވަނީ އެކަމާއި ގުޅޭ ސައްހަ މައުލޫމާތު ސާފުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!